ބޮލީވުޑް

ފިރިމީހާގެ މަރާ އެކު ލިބުނު ހިތާމައިން އަރައިގަތުމަށް ހިތްވަރާ އެކު މަންދިރާ ތެދުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

23 އަހަރު ވަންދެން ލޯބިން އެކީ އުޅުނު ފިރިމީހާ ރާޖް ކައުޝަލްގެ ކުއްލި މަރާ އެކު ކާމިޔާބު ބަތަލާ މަންދިރާ ބޭދީގެ މުޅި ދިރިއުޅުން ހުއްޓިފައިވާ ކަމަށާއި ނަމަވެސް އާ ހިތްވަރަކާ އެކު ކުރިއަށް ދިޔުމަށް ޓަކައި އެނބުރި މަސައްކަތަށް ނުކުތުމުގެ އިޝާރާތެއް ފޭނުންނަށް މަންދިރާ ދީފިއެވެ.

Ads by STELCO

"ލޯބި ބޭނުންވާ އެންމެނަށް ލޯބި ފޮނުވަން" ކަމަށް ބުނެ ބުދަ ދުވަހު އޭނާ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އަލުން ފަށަންވީ ވަގުތު ކަމަށެވެ.

ފެހި ކުލައިގެ ބެކްގްރައުންޑެއްގައި ފިޔާތޮށި ކުލައިގެ ސާޅިއެއްގައި ހުރި މަންދިރާ ހިއްސާ ކުރި ފޮޓޯއާ އެކު ފޭނުންގެ ހެޔޮ ދުއާތައް އޭނާއަށް ލިބިފައިވެއެވެ.

އާފެށުމަކުން ފަށަންވީ ކަމަށް ބުނެ މީގެ ހަފްތާއެއް ކުރިން ވެސް އޭނާ ވަނީ ސޯޝަލް މީޑިޔާއަށް ނޯޓެއް ދޫކޮށްލައިފައެވެ.

"އަހަރެންގެ އަގު އެބަހުރި، އަހަރެން ކުޅަދާނަ، އަހަންނަކީ ލޯބި ލިބޭ މީހެއް، އަހަންނަކީ ހިތްވަރުގަދަ މީހެއް" އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މަންދިރާއާއި ރާޖް ކައިވެންޏަށް 23 އަހަރުވެފައިވާއިރު މި ދެ މީހުންނަށް 2011 ވަނަ އަހަރު ވަނީ ފިރިހެން ދަރިއަކު ލިބިފައެވެ. އަދި މިދިޔަ އަހަރު ވަނީ  4 އަހަރުގެ އަންހެން ކުއްޖެއް އެޑޮޕްޓް ކޮށްފައެވެ.

މަންދިރާގެ ފިރިމީހާ އުމުރުން 49 އަހަރުގެ ރާޖް މަރުވީ މިދިޔަ ޖޫން މަހު ހާޓް އެޓޭކެއް ޖެހިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!