"ފަގްލީ"އަށް ވީ ގޮތުން ދެވަނަ ފުރުސަތެއް ލިބިދާނެ ކަމަށް ހީވެސް ނުކުރަން: ކިއާރާ
ބޮލީވުޑްގެ ކާމިޔާބު ތަރި ކިއާރާ އަދްވާނީގެ ފުރަތަމަ ފިލްމް"ފަގްލީ"އަށް ވީ ގޮތުން އިތުރު ފުރުސަތެއް ލިބޭނެ ކަމަށް އުއްމީދު ވެސް ނުކުރާކަމަށް އޭނާ ބުނެފިއެވެ.
ރޭޑިޔޯ ހޯސްޓް ސިދާރްތު ކަންނާ ކުރިއަށް ގެންދިޔަ އިންޓަރވިއުއެއްގައި ކިއާރާ ބުނީ ފަގްލީ ފެއިލްވުމުން ވަރަށް ދެރަވި ކަމަށާއި އިތުރު ފުރުސަތެއް ލިބިދާނެކަމަށް އުއްމީދު ވެސް ނުކުރާކަމަށެވެ.
"އަހަރެންގެ ފުރަތަމަ ފިލްމް ފެއިލްވުމަކީ އަހަރެންގެ "މޮމެންޓް އޮފް ކަރޭޖް" އޭރު ހިތަށް އެރި އަހަރެން ދިރިއުޅުމަށް ދެން ހަދާނީ ކިހިނެތްބާއޭ. އިތުރު ފުރުސަތެއް ލިބޭނެކަމެއް ވެސް ނޭނގެއޭ. އޭރު އަހަރެން ވަރަށް ކުޑަ އެހެންވެ އަސްލު ވަރަށް ދެރަވި. ބޭރަށް ވެސް ނުކުންނަން ބޭނުމެއް ނުވި. މީހުންނާ ދިމާވާކަށް ވެސް ބޭނުންމެއް ނުވި" ކިއާރާ ބުންޏެވެ.
ކިއާރާ ބުނީ އެކަމަކު ވެސް ހިތްވަރުކޮށްފައި ނުކުތީ އެންމެ ފެއިލްއަކުން އަމިއްލަ ނަފްސު ދަށްކޮށްލަން ބޭނުން ނުވާތީކަމަށާއި ޔަގީންކަމާ އެކު އެކްޓް ކުރެވޭނެކަމަށް ގަބޫލު ކުރިކަމަށާއި އިތުރު އެކްޓިން ކުލާސްތަކާއި ޑާންސް ކުލާސްތަކަށް ވެސް ދާން ފެށިކަމަށެވެ. އަދި އިތުރު ފުރުސަތުތަކަށް ތައްޔާރުވިކަމަށް ވެސް ކިއާރާ ބުންޏެވެ.
ކާމިޔާބު ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ކިއާރާ އެންމެ ފުރަތަމަ ބެލުންތެރިންގެ ހިތުން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ އިންޑިޔާގެ ކްރިކެޓް ކެޕްޓަން އެމްއެސް ދޯނީގެ ދިރިއުޅުމަށް ހެދި ފިިލްމް "އެމް.އެސް ދޯނީ ދި އަންޓޯލްޑް ސްޓޯރީ" އިންނެވެ. މިފިލްމުގައި ކިއާރާ ފެނިގެން ދިޔައީ ސުސާންތު ސިންގްއާ އެކުއެވެ.
ކިއާރާގެ އިތުރު ފިލްމުތަކަށް ބަލާލާއިރު "ގުޑް ނިއުސް"، "ކަބީރް ސިންގް" އަދި "ގިލްޓީ" ފާހަގަ ކޮށްލެވެއެވެ.