ފުލުހުންނަށް ބަދަލު ހިފުމުގެ ގޮތުން އެ މުއައްސަސާއަށް އެމްޑީޕީއިން ސިޔާސީ ނުފޫޒު ފޯރުވާ: އިދިކޮޅު
ފުލުހުންގެ މުއައްސަސާއާ މެދު އެމްޑީޕީއިން ގެންގުޅޭ ބަދަލު ހިފުމުގެ ރޫހުގެ ތެރެއިން އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތް ވަގުތުން ހުއްޓައިލުމަށް ގޮވާލާ ކަމަށް އިދިކޮޅު ޕްރޮގްރަސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އިދކޮޅު ކޯލިޝަން މިފަދައިން ބުނެފައި ވަނީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމަވައިފައި ވަނިކޮށެވެ. ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމަވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުންނެވެ.
މިކަމާ ގުޅިގެން އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒާ އެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަޤާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެެއް ކަމަށެވެ. އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިކަމަކީ، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓައިލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކު ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ބަހައްޓަވައިގެން ކުރަމުން ގެންދާ މަސައްކަތަކީ ބަދަލު ހިފުން ކަމުގައި ބެލެވެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އަސްލުތަ