ސިޔާސީ

މަޙްލޫފްގެ މައްސަލަ އަވަސްކޮށްދެން ޕީޖީގައި އެދެން: ރައީސް ޞާލިހް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފްގެ މައްސަލަ ލަސްވާ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އޭނާގެ މައްސަލައިގައި އަވަހަށް ގޮތަށް ނިންމައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކިބައިން އެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މަޙްލޫފް މައްސަލައިގައި، ދައުވާ ނުކުރާނަމަ ނުކުރާކަން، ނުވަތަ މައްސަލައިގައި ކޯޓަށް ދައުވާ ކުރަން ފޮނުވަން ޕީޖީއިން ނިންމުމަށް އެދޭ ކަމަށެވެ.

މިމައްސަލައިގައި ރައީސް ޞާލިހް، މަޙްލޫފް މަޤާމުން ދުރުކުރީ، އޭސީސީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު މައްސަލަ ފޮނުވުމާ ގުޅިގެންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މަޙްލޫފްގެ މައްސަލައިގައި އޭނާގެ ފަރާތުން ރައީސް ޞާލިޙަށް ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިޓީގައިވާ ކަންތައް ބައްލަވާ އެ މަނިކުފާނަށް ފެންނަ އެއްޗެއް އެސެޓް ރިކަވަރީ ކޮމިޝަނަށް ވިދާޅުވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައި އޮތީ، އެސްއޯއެފްގެ އެކައުންޓެންޓް، އެއީ ސިލޯންގެ ރައްޔިތެއް. އޭނަގެ ބަޔާން، ސިލޯންގައި ހުންނެވި އަޅުގަނޑުމެންގެ ހައި ކޮމިޝަނުން ނެގިއިރު، ނަގައިފައި އޮތީ ތަޙްޤީޤަށް ބަޔާނެއް ނަގަންވާ އުސޫލުގެ ތެރެއިން ނޫނޭ. އެ ޝަކުވާ އެބައޮތް ކޮށްފައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ މައްސަލައިގައި ގޮތެއް ނުނިމި ލަސްވެފައިވުމުން މަހުލޫފް ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!