އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް ޢަމަލު ކުރަން ފަށައިފި
ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެކުލަވައިލި ރިޕޯޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކަށް އަމަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވިދާޅުވީ އިންކުއަރީ ރިޕޯޓްގެ ހޯދުންތައް ވަރަށް ފުރިހަމަ ކަމަށާއި އަދި ސަރުކާރުން ކުރަން ޖެހޭ ކަމަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކަށް އަމަލުކުރުމުގެ މަސައްކަތް މިހާރު ފައްޓަވައިފައިވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެ ރިޕޯޓު އެ މަނިކުފާނުގެ އަތްޕުޅަށް އެރުމާ އެކު ނެޝެނަލް ސެކިއުރިޓީ ކައުންސިލްގެ ބޭފުޅުން އެއްކުރައްވައި އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް އަމަލުކުރުމުގެ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"ހުށަހަޅައިފައި އެ ދިރާސާ ކުރުމަށް ޓަކައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ފޮނުވީ އެންއެސްއޭ އޮފީހަށް. އެންއެސްއޭ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުން އެބަގެންދޭ. މިއީ މަލްޓި އޭޖެންސީ ޓާސްކްތަކެއް ހިމެނޭ ކަމަކަށް ވާތީ މީގެ އެކި އިދާރާތަކުން ވަނީ އެ ކަންތައްތައް ދެނެގަނެ އެ ކަންތައްތައް ކުރުމުގެ ތާވަލެއް އެކުލަވައިލައި މަސައްކަތް އެބަ ކުރިއަށްދޭ. އަދި މާދަމާ އޮންނަ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް އޭގެ ބައެއް ކަންތައްތައް ހުށަހަޅައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހެދި އިންކުއަރީ ރިޕޯޓާ ގުޅިގެން އިންޓެލިޖެންސް އޮޑިޓެއް ވެސް ހެދިކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އެ އޮޑިޓަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިންޓެލިޖެންސް ބަދަލުކުރުމުގައި މުއައްސަސާތަކުގައި މައްސަލަަތަކެއް އެބަހުރި ކަމަށެވެ.