މާލޭގެ ގޭބީސީތަކަށް ވަދެ ކުނި ނަގަން ފަށަނީ

އަންނަ ހަފުތާއިން ފެށިގެން މާލޭގެ ގޭބީސީތަކަށް ވަދެ ކުނި ނަގަން ފަށާނެކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މާލޭސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ މާފަންނުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ގޭބިސީތަކުން އުކާލާ ކުނި މި މަހުގެ 21 އިން ފެށިގެން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކަމަށެވެ.
މޭޔަރު ވިދާޅުވީ މި ބަދަލާ އެކު، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓައިފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.
ވެމްކޯއިން ހަމަޖައްސައިފައިވާ ގޮތުން ގޭގެއިން އުކައިލާ ކުނި ބަހައްޓަން ޖެހެނީ މަގުމައްޗަށް ނެރެފައެވެ. މިކަމުގެ ސަބަބުން ގިނަ ސަރަހައްދުތަކުގައި ކުނި ގިނަވެ އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ވެމްކޯއިން ގޭގެއަށް ވަދެ ކުނި ނެގުން ހުއްޓައިލައިފައި ވަނީ ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.