ޤައުމީ ޓީމުގެ ކޯޗު ވަކިކޮށް، ސާފްޗެމްޕިއަންޝިޕްގައި ކޯޗިން ސްޓާފުންނަށް ދިވެހިން

ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން މަޤާމުން ވަކިކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ “އެކްސްކްލޫސިވް” ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކޯޗް ވަކި ކުރަން ނިންމައިފައި ވަނީ، މީގެ ދުވަސްކޮޅެއް ކުރިން އޮތް އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކުގައި ރާއްޖޭން ދެއްކި ކުޅުމާ މެދު އެފްއޭއެމުން ހިތްހަމަ ނުޖެހޭތީ ކަމަށެވެ. އަދި ދެ ފަރާތުން އެއްބަސްނުވެވޭ ކަންތައްތަކެއް ހުރުމާ އެކު، ވާހަކަދައްކައިގެން ކޮންޓްރެކްޓް އުވައިލައިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ކޯޗްކަމުން މާޓިން ވަކި ކުރިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި، މި ވާހަކަ މީޑިއާގައި ނުދައްކާ އޮތް ސަބަބަކީ ވޭތުވިދިޔަ ދުވަސްތަކަކީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވަން ބިޑްކޮށް އެ މަސައްކަތް ވަރަށް ފޯރިގައި ދިޔަ ދުވަސްތަކަކަށް ވާތީ ކަމަށެވެ.

ޤައުމީ ޓީމުގެ ކުރީގެ ކޯޗް
ބައްސާމް ވިދާޅުވީ ކުރިޔަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ކޯޗިން ޓީމާއި އޮފިޝަލުންގެ ގޮތުގައި ހުސް ދިވެހިން ފެނުމަކީ ވެސް ގާތް ކަމެއް ކަމަށެވެ. އަދި މިހާރު އެފްއޭއެމްގެ ވިސްނުން ހުރީ ޤައުމީ ޓީމުގެ ކޯޗިން ސްޓާފުންނަކީ ހުސް ދިވެހިންކަމަށް ހެދުމަށް ކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ ހެޑް ކޯޗުންގެ އިތުރުން އެސިސްޓެންޓް ކޯޗުންނަކީ ވެސް ދިވެހިންނަށްވުމުގެ ފުރުސަތު މިފަހަރު ވަރަށް ބޮޑު ކަމަށެވެ.
ކޫޕްމަންގެ ކޯޗްކަމުގެ ދަށުން ރާއްޖެ ކުޅުނީ ރަސްމީ ތިން މެޗެވެ. އޭގެ ތެރެއިން ދެ މެޗުން ބަލިވިއިރު އަނެއް މެޗުންވީ އެއްވަރެވެ.