ނައިފަރުގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ތިން ވަޒީރަކު މަޖިލިހަށް ހާޒިރު ކުރަނީ
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު ނައިފަރު ދާއިރާގެ 3 މަޝްރޫއަކާ ގުޅިގެން 3 ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވައިފިއެވެ.
މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް މެންބަރު ޝިޔާމް ހުށަހަޅުއްވައިފައި ވަނީ، ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެ އެ ރަށުގެ މަގުތަކުގެ މަސައްކަތް ބަޖެޓުކުރެވިފައި ވީނަމަވެސް އެއްވެސް ސިފައެއްގައި މަސައްކަތް ކުރިޔަށްނުދާތީ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްއާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނައިފަރުގެ މަސްވެެރިންނަށް ވެވަޑައިގެންފައިވާ އައިސްޕުލާންޓް ޤާއިމް ކޮށްދެއްވާނެ ކަމުގެ ވަޢުދުފުޅު އެއްވެސް ސިފައެއްގައި ޙާސިލްވަމުން ނުދާތީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދުއެވެ.
މި ދެ ބޭފުޅުންގެ އިތުރުން ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމް ކޮށްދެއްވާނެ ކަމުގެ ވަޢުދުފުޅު ރައީސް ޞާލިޙު ވެވަޑައިގެންފައި ވީނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާތީ ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް ވެސް މަޖިލީހަށް ހާޒިރު ކުރުމަށް މެންބަރު ޝިޔާމް ހުށަހަޅުއްވައިފައިވެއެވެ.
ދާއިރާގެ މައްސަލަތައް ހައްލު ކުރެއްވުމަށް މަޖިލީހުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ މެންބަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ނުދާތީ މީގެ ކުރީން ވެސް މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.