ޚަބަރު އިޖުތިމާޢީ

ރަސްފަރީ ފަރަށް އެރި ބޯޓް ފުން ކުރުމުގެ މަސައްކަތް ފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކ. ރަސްފަރީގެ ހުޅަނގު ފަރާތުގެ ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އެރި އާގު ބޯޓު ދިވެހި އެޖެންޓަކަށް "އެންޓާކް މޯލްޑިވްސް" ހަމަޖައްސައި ބޯޓުގެ ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Hajj Corporation

ބުރާސްފަތި ދުވަހުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ފަރަށް އެރި މިބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފައި ވަނީ މިއަދުއެވެ. މިބޯޓަކީ ގްރީސްގައި ހެޑްކުއާޓާޒް ހުންނަ ނަވިއޯސް މެރިޓައިމް ހޯލްޑިންގްސްގެ ބޯޓެކެވެ.

މިބޯޑު ފުންކުރުމަށް މިމަހުގެ 23 ވަނަ ދުވަހު ސްރީލަންކާގެ ބޯޓެއް ގެނައުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި މިބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޯސްޓްގާޑާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. މި ބޯޓް  މިބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި ފުން ކުރުމުގެ ތެރޭގައި ވެސް ފަރަށް އިތުރު ގެއްލުންތައް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް އެންވާރމެންޓް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފައެވެ.

މިބޯޓަކީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރު ދިގުމިނުގައި ހުރި ކާގޯ ބޯޓެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކ. ރަސްފަރި ފަރަކީ އީޕީއޭއިން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެ ބޯޓުގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ލަފާކުރެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!