ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން 4 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެކަމަށް މުޅި ދުނިޔޭގެ ކޮވިޑް-19ގެ ތަފާސް ހިސާބުތައް ބަލަހައްޓާ ވޯލްޑޯމީޓަރގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ވޯލްޑޯމީޓާގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް ހަތަރު މިލިއަން ހަތަރު ލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ ސައްބީސް މީހުން ވަނީ މަރުވެފައެވެ. އަދި މުޅިދުނިޔޭން މިހާތަނަށް 211 މިލިއަން މީހުންނަށް މިބަލި ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. މީގެ ތެރެއިން 189 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައިކަމަށް ވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުނިޔޭގެ ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު މިވަގުތު ބަލިޖެހިފައިތިބި ސަތާރަ މިލިއަން އަށް ލައްކަ ތޭވީސް ހާސް ފަސްސަތޭކަ ސާޅީސް މީހުން އެބަތިއްބެވެ. މީގެ ތެރެއިން އެއްލައްކަ ނުވަހާސް ތިން ސަތޭކަ ސާޅީސް ނުވަ މީހުންގެ ހާލު ސީރިއަސްއެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓާއެކު އެކި ގައުމުތަކަށް ވަނީ ކޮވިޑްގެ އިތުރު ރާޅެއް އަރައިފައެވެ. މިއާއެކު ބައެއް ގައުމުތަކުގައި ވަނީ ފުރަބަންދު އިއުލާނުކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވެސްް ވަނީ މިހާތަނަށް 222 މީހަކު ނިޔާވެފައެވެ. އަދި މިހާތަނަށް ރާއްޖެއިން ވަނީ 79،754 މީހަކަށް މިބަލި ޖެހިފައެވެ. މީގެ ތެރެއިން 77،770 މީހުން ބަލިން ރަނގަޅުވެފައިވާއިރު 1.750 މީހުން މި ވަގުތު ވެސް ތިބީ ބަލިޖެހިފައެވެ.