ޚަބަރު ސަރުކާރު

ޖަޕާނުން ހަދިޔާކުރި 112،000 ޑޯޒް ވެކްސިން ރާއްޖެއަށް ގެނެސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި އެސްޓްރާޒެނެކާ ވެކްސިނުގެ ޝިޕްމެންޓު މިއަދު ހެނދުނު ރާއްޖެއަށް އައި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓެއްގައި ގެނެސްފިއެވެ.

Ads by STELCO

އެ ވެކްސިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ އެކަމަށް ޚާއްޞަކޯށް މިއަދު ޚާރިޖީވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ނަސީމް ވަނީ ޖަޕާން ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓް އާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް މިނިސްޓަރ ނަސީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ވެކްސިންއާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަންވެސް މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ 4 ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި އޮގަސްޓްމަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!