ޝިދާތާ ، އަދާލަތު ޕާޓީން އިސްތިއުފާ ދެއްވައިފި

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އަދާލަތު ޕާޓީން ވަކިވެވަޑައިގެން، މިއަދު އިސްތިއުފާ ދެއްވައިފައިވާކަން ޝިދާތާ ވަނީ "ދެން"އަށް ޔަގީންކޮށްދެއްވައިފައެވެ.
އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޝިދާތާ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފައިވާ ކަމަށާއި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު މާދަމާ މީޑިއާތަކަށް ހާމަ ކުރައްވާނެ ކަމަށެވެ.
ނަމަވެސް "ދެން"އަށް އެނގިފައިވާ ގޮތުގައި އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވައި ޝިދާތާ މިއަދު ވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހަށް މެސެޖެއް ފޮނުއްވައިފައެވެ. އެ މެސެޖްގައި ވިދާޅުވީ އަދާލަތު ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުންނާއި މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި އިސްތިއުފާގެ ސިޓީ ހުށައަޅުއްވައިފައިވާ ކަމަށެވެ.
އަދާލަތު ޕާޓީއަށް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވި ޝިދާތާ، އެ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން އައު އެކްޝަން ޕްލޭނެއް އެކުލަވައިލާން ނިންމައި އެކަމަށް ނެގި ހާއްސަ ކޮމެޓީގައި ވެސް އެކަމަނާ ހިމަަނުއްވައިފައި ވަނިކޮށެވެ.