ފަރަށް އެރި ބޯޓުން ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ކަނޑަކަށް ނޭޅޭ: ޓްރާންސްޕޯޓް
މިދިޔަ ބުރާސްފަތި ދުވަހު ކ. ރަަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފިއެވެ.
ފަރަށް އަރައިފައިވާ މިބޯޓުގެ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ބޯޓު ފަރަށް އެރިއިރު ބޯޓުގައި އެއްވެސް ކާގޯއެއް ނެތް ކަމަށެވެ. އަދި މި ބޯޓް ފަރަށް އަރައިފައި ވަނީ ކާށިދޫ ކަނޑުގެ ދެކުނުގައި އޮއްވާ އިންޖީނު ފެއިލް ވެގެން ކަން އެނގިފައިވާކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ޓްރާންސްޕޯޓުން ވިދާޅުވި ގޮތުގައި އެބޯޓު ފަރަށް އެރިއިރު އެބޯޓުގައި ހުރީ ބޯޓު ދުއްވަން ބޭނުންކުރާ ތެލާއި ގޭސް ކަމަށާއި މި އެއްޗެއްސަކީ ލޯ ސަލްޕާ އައިއޯއެފް އެއްޗެހި ކަމަށެވެ. އެހެން ނަމަވެސް އެއޮތޯރިޓީން މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުންވެދާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަން އެނގިފައިވާކަމަށް މިބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނި ގޮތުގައި ކަނޑަށް ތެޔޮ ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް ވަނީ އަންގައިފައެވެ.
މިއާގު ބޯޓު ދިވެހި އެޖެންޓަކަށް "އެންޓާކް މޯލްޑިވްސް" ހަމަޖައްސައި ބޯޓުގެ ފުންކުރުމުގެ މަސައްކަތް ފަށައިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ފަރަށް އެރި މިބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފައި ވާއިރު މިބޯޓަކީ ގްރީސްގައި ހެޑްކުއާޓާޒް ހުންނަ ނަވިއޯސް މެރިޓައިމް ހޯލްޑިންގްސްގެ ބޯޓެކެވެ.
މިބޯޑު ފުންކުރުމަށް ސްރީލަންކާގެ ބޯޓެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޯސްޓްގާޑާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. މި ބޯޓް ފަރަށް އެރުމުގެ ސަބަބުން ފަރަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި ފުން ކުރުމުގެ ތެރޭގައި ވެސް ފަރަށް އިތުރު ގެއްލުންތައް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް އެންވާރމެންޓް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފައެވެ.
މިބޯޓަކީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރު ދިގުމިނުގައި ހުރި ކާގޯ ބޯޓެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކ. ރަސްފަރި ފަރަކީ އީޕީއޭއިން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެ ބޯޓުގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ލަފާކުރެވެއެވެ.