ހުއްދަ ނުހޯދާ އަންހެން ކުއްޖެއްގެ ބިރިޔާނީ ތަށިން ނަވާޒުއްދީން ކެއުމުން "ރީތި އަދަބުތައް" ދަސްކޮށްދީފި

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތަރި ނަވާޒުއްދީން ސިއްދީގީއަށް އަންހެން ކުއްޖަކު "ރީތި އަދަބުތައް" ދަސްކޮށްދީފިއެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، ކާމިޔާ ޖާނީ ނަމަކަށް ކިޔާ ރިޕޯޓަރަކާ ނަވާޒުއްދީން ބައްދަލުކޮށް، ދެމީހުން އެއްކޮށް ކާން ތިބޭ މަންޒަރެވެ.
ކާން އިނދެފައި ނަވާޒުއްދީން ކުއްލިއަކަށް ކާމިޔާ ކާން އިން ބިރިޔާނީ ތަށިން އެތިކޮޅެއް ނަގައިގެން ކާން ފަށައެވެ.
އެކަމާ ހިތްހަމަ ނުޖެހިއްޖެކަން ދައްކަމުން ކާމިޔާ ބުނަނީ، އެއީ "ރީތި ގޮތެއް" ނޫން ކަމަށާއި ތަށިން ކާ އެތިކޮޅު ނެގުމުގެ ކުރިން ހުއްދަ ނަގަން ވާނެ ކަމަށެވެ.

ރީތި އަދަބުތައް ކިޔައި ދިނުމުން ނަވާޒުއްދީން މަޑުމައިތިރިކަމާ އެކު އަޑު އަހަން އިންނަ މަންޒަރު ވެސް ފެނެއެވެ. އަދި އެއަށް ފަހު، ބިރިޔާނީ ތަށިން ކެޔަސް ހެޔޮތޯ ހުއްދައަށް އެދެއެވެ. ޖަވާބުގައި ކާމިޔާ ބުނަނީ ކުޑަ އެތިކޮޅެއް ކެޔަސް އެންމެ ރަނގަޅު ކަމަށެވެ. އެހެން ބުނުމާ އެކު ދެ މީހުން ވެސް ހޭން ފަށައެވެ.
އެ ދެ މީހުންް ވެސް ފަހުން ބުނި ގޮތުގައި، އެއީ އެމީހުން ކުޅެލި ކުޑަ އެކްޓެކެވެ. އެ މަންޒަރަކީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ގޭންގްސް އޮފް ވާސޭޕޫރް"ގެ މަންޒަރެއް ކަމަށާއި، އޭގައި ނަވާޒުއްދީން ކުޅުނީ ފިލްމުގައި ވެސް އޭނާ ކުޅެފައިވާ "ފައިޒަލް ޚާން"ގެ ބައި ކަމަށާއި އަދި ކާމިޔާ ކިޔައިފައި ވަނީ ހުމާ ޤުރޭޝީގެ ޑަޔަލޮގު ކަމަށް ވެސް ބުނެފައިވެއެވެ.