އެމްޑީޕީ އިސްވެއޮވެ ރައްޔިތުންގެ މަޖިލީހުން ބަޣާވާތް ފަށައިފައިވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓްވީޓަކާ ގުޅިގެން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ފެކްޝަންތައް އުފެދިފައިވާކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ފެކްޝަން އުފެދިގެން އެންމެ ފަހުން އެމްޑީޕީ މީހުން މިހާރު އަފީފް އިސްވެ އިނދެގެންތާ އެ ބަޣާވާތް ފައްޓަން ޖާގަ ދިނީ. އަޅުގަނޑަށް އަޑު އިވިފައި އޮތްގޮތުން ވިއްޔާ. އެތަނުން މެމްބަރުންތަކެއް ރައީސް އޮފީހަށް ގޮސް އެ ކަންކަން ހިނގައި ދިޔައީމަ އެބަ އެނގޭދޯ އެމްޑީޕީ ތެރެއިން ހިނގާކަމެއްކަން އެ ވާހަކަ އަޅުގަނޑު މިބުނީ" މޫސަ ވިދާޅުވިއެވެ.
މިކަމާ ބެހޭ ގޮތުން ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚުގެ ސަފްޙާތަކުން ޖާގަ ހޯއްދަވައި ހަވަރު އެއްވެ ވެރިކަން ގެއްލުނު މާޒީގެ ލަގަބު ލިބުމަށް ފަހު ދެން އޮތީ ރަންނަ ބަނޑޭރި ކިލެގެފާނު ފަދަ މަގާމެއް ހޯއްދަވާ އެކަން ވެސް ތާރީޚުގައި ލިޔެލެއްވުން ކަމަށެވެ.
"ބަޣާވާތް ތި ފެށުނީ މަޖްލިސްތެރޭން އެމްޑީޕީ އިސްވެ އޮވެގެންނެވެ. ތާރީޚުގެ ސަފްޙާތަކުން ޖާގަ ހޯއްދަވާ ހަވަރު އެއްވެ ވެރިކަން ގެއްލުނު މާޒީގެ ލަގަބު ލިބުމަށް ފަހު ދެން އޮތީ ރަންނަ ބަނޑޭރިކިލެގެފާނު ފަދަ މަގާމެއް ހޯއްދަވައި އެކަން ވެސް ތާރީޚުގައި ލިއެލުމެވެ. ވެރިކަން ނުލިބޭނެކަން ޔަޤީންވަންޏާ ރަނގަޅުތާއެވެ؟" ރީކޯ މޫސަގެ ޓްވީޓްގައި ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އަމީން ދީދީ ފަދައިން ރައީސް ނަޝީދުގެ ވެރިކަން ރަށްމެދުން ވައްޓައިލި ވާހަކައަކީ ތާރީހުގައި ލިޔެލަން ރަނގަޅު ވާހަކައެ އްކަމަށެވެ. އަދި އެ މަނިކުފާނު މިވަގުތު ހުންނެވީ ރަންނަބަނޑޭރި ކިލެގެފާނު ފަދައިން އަރުވާ ލެއްވިގެން ކަމަށާއި މިއީ ވެރިކަން ލިބެން ނެތިއްޔާ ތާރީހުގައި ލިޔެލަން ރަނގަޅު ވާހަކައެއް ކަމަށެވެ.