ޚަބަރު

ވެކްސިން ނުޖެހިޔަސް ރެސްޓޯރެންޓްތަކަށް ވަދެވޭނެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް 19އިން ދިފާއުވުމަށް ވެކްސިން ނުޖަހާ މީހުންނަށް ވެސް ރެސްޓޯރެންޓްތަކަށް ވަދެވޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

މީގެ ކުރިން ސަރުކާރުން ނިންމައިފައި ވަނީ ސެޕްޓެންބަރު އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި ޖިމްތަކަށް ވެސް ނުވަދެވޭ ގޮތަށެވެ. އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހައިފައިވާ ފަރާތްތަކަށް އިސްކަންދޭން ވާނެ ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކުރި ކަމުގައި ވިޔަސް އެފަދަ ފަރާތްތަކަށް އެއްވެސް ހިދުމަތެއް ނުދިނުމަށް އިއުލާނުގައި އަންގައިފައެއް ނުވެއެވެ.

މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ)ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމާއި އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ހިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއް ނަމަ، ހިދުމަތް ނުދިނުމަށް ވަނީ އަންގައިފައެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 90އިންސައްތަ މީހުން ވަނީ ޖަހައިފައެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޖަހައިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!