ސިޔާސީ

ޝުޖާއު އިލްހާމަށް: ރައީސް ޔާމީން ނޫން މީހަކަށް ވެރިކަން ހޯދައިދޭން އުޅުނު ލީޑަރެއް ޕީޕީއެމްއަކު ނެތް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޝުޖާޢު ރައީސް ޔާމީނާއެކު

ޕްރޮގްރަސިޕް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ލީޑަރު، ރައީސް އަބްދުލް ޔާމީން ޖަލަށް ލުމާ އެކު، އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަތުމަށް މަަސައްކަތް ކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަޙްމަދު ވިދާޅުވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

Ads by MWSC

ރައީސް ޔާމީނަކީ ވަގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން ޤާސިމަށް ރައްދު ދެއްވާ ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ އިޚްލާސްތެރިކަން ނެތް ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލުމާ އެކު، އެ ކޯލިޝަންގެ ބައެއް ބޭފުޅުން އަވަސްވެ ގަތީ ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަތުމަށާއި އޭގެ ބޭނުމުގައި ގާސިމްއާ އެކު ނުވަތަ ޖޭޕީއާ އެކު ކޯލިޝަން ހައްދަވަން އިލްހާމާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި މިކަމަށް ރައްދު ދެއްވަމުން ޝުޖާ ވިދާޅުވީ، ރައީސް ޔާމީން އިތުބާރު ކުރައްވާ އިތުރު ސިއްރު ލީޑަރުންނެއް އެހެން ޕާޓީތަކުގައި ނުތިބޭނެ ކަމަށާއި ރައީސް ޔާމީނަށް ވަފާތެރިން، އިޚްލާސްތެރިން ތިބޭނީ ޕީޕީއެމް އަދި ޕީއެންސީގައި ކަމަށެވެ.

"ރައީސް ޔާމީނަށް އަނިޔާދީ، މި ޕާޓީގައި ރައީސް ޔާމީން ނޫން އެހެން މީހަކަށް ވެރިކަން ހޯދަދޭން އުޅުނު ލީޑަރެއް މިތާންގައެއް ނެތް. މިތަނުގައި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ރައްދު ނުދެވޭނެ ކަމަށް ނުވިސްނަވާތި. ރައްދުދޭނީ، މި ޕޯޑިއަމުންދޭނީ." ޝުޖާއު ވިދާޅުވިއެވެ.

ގާސިމްއަށް އަމާޒު ކުރައްވާ އިތުރު އެއްޗެއް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ ނަމަ، ވެރިކަން ހޯއްދަވަން އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ނަން ހާމަ ކުރައްވާނެ ކަމަށް އިލްހާމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ނަން ހާމަ ކުރާ ނަމަ، އިދިކޮޅުން ވެސް ނަން ހާމަ ކުރާނެ ކަމަށެވެ

"ނަން ކިޔަންވިއްޔާ މިކޮޅުން ވެސް ނަން ކިޔާނެ ވަރަށް ރަނގަޅަށް. ތައްޔާރަށް މި ތިބީ. ހާމަ ކުރީމަ ހާމަކުރާ ވަރަކަށް މިކޮޅުން ދާނީ. ގޮނޑިތައް ބަހާލެވިގެން ދިޔަ ގޮތާއި، ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ލިސްޓް އިޝްތިހާރު ކުރެވިގެން ގޮޑިތައް ފޭރިގަތް ގޮތް ވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ." ޝުޖާއު ވިދާޅުވީ ޕީޕީއެމްގައި ރައީސް ޔާމީނަށް އަނިޔާވެރިވާނެ އެއްވެސް ލީޑަރެއް ނުތިބޭނެ ކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީން ދާދި ފަހުން ބޭއްވި ރަސްމިއްޔާތެއްގައި، ޖުމްހޫރީ ޕާޓީއަކީ ޤައުމުގެ މިނިވަންކަމާއި ދީން ހިމާޔަތް ކުރާނެ ޕާޓީއެއް ކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވި ވިދާޅުވުމަށް ޝުޖާއު ވަނީ ރައްދު ދެއްވައިފައެވެ.

"ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތް ކުރަން ނިކުންނަ ޕާޓީއެކޭ ބުނާއިރު، ލަދު ހަޔާތުގެ ކަންފުޅެއް ވެސް މި ބޭފުޅުންގެ ނެތީމަ އަޅުގަނޑުމެން މި ތިބީ އަންތަރީސްވެފައި. މި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލުވައިލާ. ބޭރުގެ ސިފައިން އެކި ނަންނަމުގައި މިތަނުގައި ހަރަކާތްތެރިވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ކިހިނެތް ވެފަތޯ ތި ތިއްބެވީ. އިސްލާމް ދީނުގެ ދިފާއުގައި ބުނާއިރު، އެމްޑީއެންގެ ރިޕޯޓް ނެރެ، ނަބިއްޔާއަށް ފުރައްސާރަ ކުރިއިރު މިމީހުން ކޮންތާކުގަތަ ތިބީ. ކޮން ވާހަކައެއް ތި ދައްކަނީ" ޝުޖާޢު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކަންމަތީ ޕާޓީއެއް ކަމަށާއި އެއީ ވިޔަފާރި ކުންފުންޏެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތް އެ ޕާޓީން ކުރިޔަށް ނުގެންދެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!