ސްރީލަންކާގެ ލޮކްޑައުން އަނެއްކާ ވެސް އިތުރު ހަފްތާއަކަށް ދަމަހައްޓައިފި
![](https://dhen.mv/wp-content/uploads/2021/09/5D1D767A-C9AA-4652-A4FA-191C6EDF7134.jpeg)
ކޯވިޑްގެ ހާލަތު ، އާދަޔާ ޚިލާފަށް ގޯސްވާން ފެށުމާ ގުޅިގެން، ސްރީލަންކާގައި މިހާރު ވެސް ހިންގަމުންދާ ލޮކްޑައުން އިތުރު އެއް ހަފްތާއަށް ދިގު ދަންމައިލާން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސްރީލަންކާގެ ހެލްތު މިނިސްޓަރ ކެހެލިޔަ ރަމްބުކްވެއްލަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު 7 ދުވަހަށް އެ ގައުމުގެ ލޮކްޑައުން ދަމަހައްޓައިފައިވާ ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ލޮކްޑައުން ނިމުމަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.
މީގެ އިތުރުން ފައިސާގެ އަގު ދަށްވުމާއެކު ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން ސްރީލަންކާގައި އިޤްޠިޞާދީ އިމަރޖެންސީ ވެސް ވަނީ އިޢުލާނުކޮށްފައެވެ. އިޤްޠިޞާދީ އިމަރޖެންސީ އިޢުލާނުކޮށްފައި މި ވަނީ ހަކުރު، ފިޔާ އަދި އަލުވީ ފަދަ ކާބޯތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނެވެ.
21 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުން ދުވާލެއްގެ މައްޗަށް 3،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހެއެވެ. އެ ގައުމުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ވެކްސިން ޖެހުމުގެ މަސައްކަތް ވެސް ކުރިޔަށްދެއެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވަނީ އާބާދީގެ 26 އިންސައްތަ މީހުންނެވެ.