ސިދާތުގެ ޖަނާޒާއަށް ޝެހްނާޒް ދިޔުމުން ޕަޕަރާޒީން އޭނާ ވަށައިލައި ފުރައްސާރަ ކޮށްފި
ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު މިދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ، އެކްޓަރ ސިދާތު ޝުކްލާގެ ކުއްލި މަރުގެ ވާހަކައެވެ.
ހާޓްއެޓޭކެއް ޖެހިގެން މި މަހުގެ 2 ވަނަ ދުވަހު ސިދާތު މި ދުނިޔެއާ ވަކިވެފައިވާ އިރު، އެކަމުގެ ހިތާމައިގައި ބައިވެރިވެ، އެތައް ބަޔަކު ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެކްޓަރ ވަރުން ދަވަންއާއި ސަލްމާން ޚާން، ރަޝްމީ ދެސާއީއާއި، އާޒިމް ރިއާޒް އަދި ޒަރީން ޚާން ވެސް ހިމެނެއެވެ.
މި އެންމެންގެ އިތުރުން ސިދާތުގެ ކުއްލި ވަކިވުމާ ގުޅިގެން އެންމެ ފުން އަސަރެއް ކޮށްފައިވާ އެކަކީ އޭނާގެ ލޯބިވެރިޔާ ޝެހްނާޒް ގިލްއެވެ. ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި ސިދާތު މަރުވީ ޝެހްނާޒްގެ އަތްމަތީގައެވެ. އެކަމުގެ ސަބަބުން ޝެހްނާޒަށް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް އޭނާގެ ބައްޕަ ވެސް ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
ސިދާތު މަރުވި ދުވަހުން ފެށިގެން ޝެހްނާޒްގެ ފަރާތުން ލިބޭނެ ކުޑަ ވެސް ހިލަމެއް ވޭތޯ އެންމެ ބޮޑަށް ބަލަމުން ދިޔަ އެކަކީ، އިންޑިއާގައި މަޝްހޫރު މީހުންގެ ފަހަތުން ކެމެރާތައް ހިފައިގެން ދުވާ ޕަޕަރާޒީންނެވެ.
އެގޮތުން ސިދާތުގެ ޖަނާޒާއަށް އިއްޔެ ޝެހްނާޒް ދިޔުމުން، ކާރުން އޭނާ ނިކުތް ތަނާހެން ޕަޕަރާޒީން ވަނީ އެމީހުންގެ ކެމެރާތަކާއި މައިކްތަކާ އެކު ޝެހްނާޒް ވަށައިލައިފައެވެ، ހުއްޓުމެއް ނެތި ޝެހްނާޒް ރޮމުން ދިޔައިރު ވެސް ޕަޕަރީން މަސައްކަތް ކުރީ އޭނާގެ ބަހެއް ލިބޭތޯއެވެ.
މި މަންޒަރު ދުށް އެތައް ބަޔަކު ވަނީ ރިޕޯޓަރުންގެ އެ އަމަލު ކުށްވެރި ކޮށްފައެވެ. އެގޮތުން އެކްޓަރު ޒަރީން ޚާން އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް މި މަންޒަރުލުމަށް ފަހު ބުނީ މިފަދަ ޢަމަލަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި އަމިއްލަ މީޑިއާ ހިންގުމަށް ޓަކައި ޕަޕަރާޒީން އެއްވެސް ރަހުމެއް ނެތި މީހުންނަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ.