ޚަބަރު ސިޔާސީ

ބްރިޖް އަޅައިދީގެން ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުނު ރައީސަކު ނެތް: ރީކޯ މޫސަ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބިން ހިއްކައި އެއަރޕޯޓް އަޅައިދީ، ފްލެޓް އަޅައިދީ، ބްރިޖް އަޅައިދީގެން ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުނު ރައީސަކު ނެތް ކަމަށާއި ވައުދުވުމުގައި ގެންގުޅޭ އުކުޅު ބަދަލު ކުރަން ވެއްޖެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ރީކޯ މޫސަ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މީހުންގެ މެދުގައި ވެރިކަމަށްކުރާ ކެމްޕެއިންތަކަށް ވަޢުދުވުމުގާ ގެންގުޅޭ އުކުޅު ބަދަލުކުރަންޖެހޭ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މީހުންގެމެދުގާ ވެރިކަމަށްކުރާ ކެމްޕެއިންތަކަށް ވީ ވައުދު ތަކުގެތެރޭން ބިން ހިއްކުން، އެއަރޕޯޓް އަޅައިދީގެން ފްލެޓް އަޅައިގެން،. ބްރިޖް އަޅައިދީގެން ދެވަނަ ފަހަރަށް. ވެރިކަމަށް އާދެވުނު ރައީސަކުނެތް؟ ވަޢުދުވުމުގާ ގެންގުޅޭ އުކުޅު ބަދަލުކުރަންޖެހޭ" ރީކޯ މޫސަގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވި ރޭ އިދިކޮޅުން ބޭއްވި "އަައްޑަނަ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްވަނީ ބްރިޖާއި، އެއާޕޯޓާއި، ހޮސްޕިޓަލްތައް ހަދާނީ 2023 ގައި ރައީސް ޔާމީނުގެ ވެރިކަމެއްގައި ކަމަށް ވިދާޅުވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ބައިވެރިވެވެން ވާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އަދި މީގެ އިތުރުން މި ސަރުކާރުން ވެސް ވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި އެފްކޮންސް އިންފްރާސްޓްރަކްޗަރާ އެކު ދިވެހި ސަރުކާރުން ވަނީ ދާދި ފަހުން ސޮއިކޮށްފައެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" މަޝްރޫގެ ދަށުން މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ބްރިޖަކުން ގުޅުވައިލާނެއެވެ. ބްރިޖްގެ މަސަައްކަތް ކުރިއަށް ގެންދާނީ ނިމޭ ވަރަކުން ނިމޭ އެކި ބައިތައް ހުޅުވާ ގޮތަށެވެ. ސަބަބަކީ ބްރިޖްގެ މަސައްކަތް 2023 ވަނަ އަހަރާ ހަމައަށް އެއްކޮށް ނުނިމޭނެކަން ޔަގީންވެފައިވާތީ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އެހެން ނަމަވެސް މަސައްކަތް ފަށާތާ ދެ އަހަރު ތެރޭ މަސައްކަތް ނިންމައިލެވޭނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެެވެ.

އިންޑިއާ ހިލޭ އެހީ އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ  6.7 ކިލޯ މީޓަރު ދިގު މި ބްރިޖް ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!