ލީކްވެފައިވާ އޯޑިއޯތަކުގައި އިވެނީ ފަނޑިޔާރުންގެ އަޑުކަން ކަށަވަރު: ކުރީގެ އިސްފަނޑިޔާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކުގައި އިވެނީ ފަނޑިޔާރުންގެ އަޑު ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.
ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރުމުގެ ގޮތުން ކުރީގެ ފަނޑިޔާރުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްވަވަމުން ފަނޑިޔާރު ޝުޖާއު ވިދާޅުވީ އޯޑިއޯތަކުން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލީ އާދަމްއާއި ފަނޑިޔާރު އަހުމަދު ސަމީރުގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި ވިދާޅުވީ އަލީ އާދަމަކީ ވަރަށް ގާތް އެކުވެރި ބޭފުޅެއް ކަމަށެވެ.
"ފަނަރަ، ވިހި، ބާވީސް އަހަރުގެ ވާހަކަ މި ދައްކަނީ، އެކުގައި މަސައްކަތް ކުރި މީހެއްގެ ވާހަކަ. އަޅުގަނޑު ޔަގީންކޮށް ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން އެއީ ޝެއިހް އަލީ އާދަމްގެ އަޑު. އެ ނޫން ބޭފުޅެއްގެ އަޑެއް ނޫން އެއީކީއެއް. އެ ބޭފުޅުން ސުލޫކު ނުވާނެ އެއްގޮތެއް ވެސް ނޯންނާނެ،" ކުރީގެ އިސްފަނޑިޔާރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއްކަމަށް އެ ފަނޑިޔާރުން ވަނީ އިންކާރު ކުރައްވައިފައެވެ.
އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ. މިގޮތުން މީޑީޔާގައި ދައުރުވަމުންދާ އޯޑިއޯތަކުގައި ޝާމިލުވާކަމަށް ބުނާ ތިން ފަނޑިޔާރުން އޯޑިއޯ ސުންކު ހެދުމަށް އޯޑިއޯ ރެކޯޑިން ފުލުހުންނަށް ވަނީ ދީފައެވެ.