ދޫދެއްވުމަށް ފަހު ބާރުކޮށްލާ، ރައީސް ނަޝީދު "ސައިޒު"ކޮށްލައިފި
ދެވިގެން ދިޔަ ޓެރެރިސްޓް ހަމަލާއަށް ފަހު، ޓްވީޓުންނާއި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވާ މެސެޖުތަކުން މީގެ ކުރިން ދިވެހި މީޑީއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯއްދަވަމުން އައި އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ދެއްވި ނޫސްވެރިންގެ ބައްދަލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ މީގެ ކުރިން އެމަނިކުފާނު ދައްކަވައިފައިވާ ވާހަކަތައް ތަފްސީލުކޮށްދެއްވާނެ ކަމުގެ އުންމީދުގައެވެ. މެއި ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށް ފަހު، އިންޑިއާގެ ބައެއް ނޫސްތަކަށް ބަސްދީގަތުން ދެއްވި ނަމަވެސް، ދިވެހި ނޫސްވެރިންގެ ސުވާލުތަކަށް މިއީ ނަޝީދު ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ. އިއްޔެއަކީ ސީދާ ދިވެހިންގެ ސުވާލުތަކާ ރައީސް ނަޝީދަށް ކުރިމަތި ލައްވަން ޖެހުނު ދުވަހެކެވެ. ގިނަ ސުވާލުތަކެއް އޮއްސާލި ނަމަވެސް، ރައީސް ނަޝީދުގެ ފަރާތްޕުޅުން އެކަށީގެންވާ ޖަވާބެއް ނައެވެ.
ރައީސް ނަޝީދުގެ ޖަވާބުތަކަށް ދިވެހިން އިންތިޒާރު ކުރަމުން ގެންދިޔަ އެއް ސަބަބަކީ، މިދިޔަ ޖުލައި މަހު 25 ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ސަރުކާރާ ގުޅުވައިގެން ދައްކަވައިފައިވާ ވާހަކަތަކަށް ސީދާ ރައްދު ރައީސް ޞާލިޙް ދެއްވައިފައިވުމެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ގޮތަށް، ރައީސް ނަޝީދު ވެސް ރައްދު ދެއްވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. އެހެން ނަމަވެސް، ރައީސް ނަޝީދު ދެއްވީ ވަރަށް ފިނި ޖަވާބު ތަކެކެވެ. ހީކުރި ގޮތަށް ޖަޒުބާތުގައި ޖެހި، ސަރުކާރާ މެދު އޮތް ޝަކުވާތައް އޮއްސަވައެއް ނުލައްވައެވެ. އަދި ކުރިން ގަދަބަސް ވިދާޅުވަމުން ގެންދެވި ނަމަވެސް އިއްޔެ ރައީސް ނަޝީދުގެ ރާގު ވަރަށް ތަފާތެވެ.
ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދު މައްސަލަތައް ޖެހި ޕާޓީ ދެބައި ވެފައި އޮންނަތާ މިހާރު ވަރަށް ދުވަސްވެއްޖެއެވެ. ރައީސް ނަޝީދަށް ސަޕޯޓް ކުރައްވާ ބޭފުޅުން ސަރުކާރަށް ފާޑު ކިޔަމުން އަންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެން ނަމަވެސް ފާޓީގައި ނުރަސްމީކޮށް ދެ ފެކްޝަނެއް ހެދި ފާޑު ކިޔުންތައް ބަދަލު ކުރަން ފެށީ، ޖުލައި 12 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖަށްފަހުގައެވެ. އެ މެސެޖްގައި ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށާއި ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފެށްޓެވުމަށް ގޮވައިލައި ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ޓަކައި ސޮއި ހޯދުމުގެ މަސައްކަތް ނަޝީދުގެ ސަޕޯޓަރުން ފެށީ އޭގެ ކުޑަދުވަސްކޮޅެއް ފަހުންނެވެ. އެއާއެކު ރައީސް ޞާލިޙްގެ ސަރުކާރަށް ސީދާކޮށް ފާޑުކިޔަން، ރައީސް ނަޝީދުގެ ސަޕޯޓަރުން ފެއްޓެވިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރައީސް ނަޝީދު ބޭއްވެވި ނޫސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ، ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދުގައި އުފެދިފައިވާ އެތަކެއް ޚިޔާލުތަފާތު ވުމަކާ ގުޅުވައިގެން ސުވާލުތައް ފުނިކޮށްފައެވެ.
އޭގެ ތެރޭގައި އެމްޑިޕީގެ ގައުމީ މަޖިލިހުގެ މެޖޯރިޓީއާއި، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ރައީސް ޞާލިހުގެ އަތްޕުޅުގައި އޮތްކަމަށް ރައީސް ޞާލިހު ވިދާޅުވި ވިދާޅުވުމާއި ރައީސް ޞާލިހަށް ސިޔާސީގޮތުން ދެން ތާޢީދު ނުކުރައްވާނެކަމަށް މީގެކުރިން ނަޝީދު ވިދާޅުވި ވިދާޅުވުމާ ގުޅޭގޮތުންނާއި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަމުން ގެންދާ މަސައްކަތާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެވުނެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން ރައީސް އެއްބާރުލުން ނުދެއްވާތީ ނަޝީދު ވަރަށްް ބޮޑަށް ފާޑުވިދާޅުވާނެކަަމަށް ބެލެވުނު ނަމަވެސް އެކަން ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެނެއް ގޮސްފައެއް ނުވެއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެއްޗެއް ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެންނެވީ.. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ސަރުކާރަށް މަޖިލިހުގެ ތާއީދު ކޮންމެހެން ބޭނުންތެރިއޭ، އެއީ އަޅުގަޑަށްވެސް އެނގޭ ވާހަކައެއް. ރައީސުލްޖުމުހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވާނެ ވާހަަކައެއް. އަދި މިވަގުތު އެކަން އޮތީ އެހެންކަމަށް ރައީސުލްޖުމްުހޫރިއްޔާ ވިދާޅުވީ، އެއީ އަޅުގަނޑަށް ޔަގީންކަމެއް، އަދި އިރާދަ ކުރެއްވިއްޔާ އެގޮތަށް އެކަން ބޭއްވުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރާން ޖެހޭނެ. " ރައްޔިތުންގެ މަޖިލީހުގެ ތާއީދު ރައީސް ޞާލިޙަށް އޮތް ކަމަށް މީގެ ކުރިން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހެންނެވެ. ރައީސް ޞާލިޙް ހަމަ ސާފުކޮށް، ސިޔާސީ ގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް މަޖިލީހުގެ މެޖޯރިޓޯ އޮތް ކަމަށް ވިދާޅުވި ނަމަވެސް ރައީސް ނަޝީދު އިއްޔެ އެކަން ވެސް ސިފަކުރެއްވީ ވަރަށް އާދައިގެ އާއްމު ވާހަކައެއްގެ ގޮތުގައެވެ.
ކުރީގެ ނިންމެވުން ބަދަލުކުރައްވާ، ރައީސާ އެކު ސިޔާސީ ގޮތުން އަލުން މަސައްކަތްކުރައްވަން ގަސްދުކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެ ސުވާލަކަށް ނަޝީދު މާ ސާފު ޖަވާބެއް ނުދެއްވިއެވެ. އެހެން ނަމަވެސް ވިދާޅުވީ، މައްސަލަ ޖެހުނު އަސްލު ސަބަބަކީ ނަފްރަތުގެ ބިލު ކަމަށާއި ބިލް ވަނީ އަދިވެސް މަޖިލިހުގައި ކަމަށާއި، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަދިވެސް އެބިލް ސަރުކާރުން ހުށަހެޅުއްވި މަފުހޫމްގައި ފާސްވެގެންދާނެ ކަމުގައެވެ. އަދި ނަފްރަތުގެ ބިލާއި ގުޅިގެން އުފެދުނު "ނަފްރަތު" މިހާރު ހައްލުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ނަފްރަތުގެ ބިލު އެއީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެއް އޮތް ބިލެކޭ. ދެން މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި އެބިލު މިހާރު އެދަނީ ރަނގަޅަށް ބަހުސް ކުރެވެމުން، އަދި އެބިލު އަޅުގަނޑުމެން މިދެކޭ ގޮތުގައި އެ އޮތް މަފުހޫމްގައި އޮތްގޮތަށް އިރާދަކުރެއްވިއްޔާ ފާސްވެގެން ދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވެސް ރައީސް ނަޝީދުގެ ވާހަކަ ވަރަށް ފިންޏެވެ. މިގޮތުން ރާއްޖޭގެ ވެރިކަމުގެ ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އަންނަ އަހަރު ނެގޭނެ ކަމަށާއި، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިންކާރު ނުކުރައްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް، ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރަން ފެށުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ސޮއި ނުލިބުމުން ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ތުހުމަތުކުރެއްވި ގޮތުގައި އެއީ ވެސް ރައީސް އިބްރާހީމް ޞާލިޙްގެ ނުފޫޒު ފޯރުވުމުގެ ސަބަބުންވާ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އޭރު ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންގެ މަަޖިލީހުގެ ބައެއް މެމްބަރުން ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ނުކުރައްވައި މަޑުކުރައްވައިގެން ތިއްބެވީ އެބޭފުޅުންގެ ދާއިރާތަކުގައި ފަށައިފައިވާ މަޝްރޫއުތައް ކުރިއަށް ނުގޮސްދާނެތީއެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން، ގިނަ މެމްބަރުން ގައުމީ މަޖިލިހުގައި ވާހަކަ ނުދައްކަވަނީ، އެ މެމްބަރުންގެ ދާއިރާތަކުގައި ބަރުލަމާނީއަށް އޮތް ތާއީދު ވަރަށް ރަނގަޅަށް އެ މެމްބަރުންނަށް ވަޒަން ކުރެއްވޭތީއެވެ. ދާއިރާތަކުގެ އިހްސާސްތަކާ ދެކޮޅަށް ވާހަކަ ދެއްކެވުމަކީ ބުއްދިވެރިކަމަކަށް ނުވެދާނެތީއެވެ.
ރައީސް ނަޝީދުގެ ވާހަކަތައް މުޅިން ބަދަލުވެއްޖެއެވެ. މީގެ ކުރިން ވިދާޅުވަމުން ގެންދެވި ގަދަބަސްތައް މަޑުވެއްޖެއެވެ. މީގެ ކުރިން ރައީސް ނަޝީދަށް ދޫދެއްވައިގެން ވިދާޅުވާން ބޭނުންވާ ހުރިހާއެއްޗެއް ވިދާޅުވާން ދޫކޮށްލައިގެން ހުރުމަށް ފަހު ޖުލައި 25 ވަނަ ދުވަހު ރައީސް ޞާލިޙް ހަމަ ރަނގަޅަށް ވެސް ރަައީސް ނަޝީދު ފިއްތަވާ ލައްވައިފިއެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ހުރި ގޮތުން ރައީސް ނަޝީދު އަމާންދެއްވި ކަހަލައެވެ.
އެއްބައިގަކުޅޭޑްރާމާ…
ފިލަފުރޭތަހުރިގޮތްބަލާބަލަ