ދުނިޔެ

އަފްގާނިސްތާނުގެ "ފިރިހެން" ސަރުކާރާ ދެކޮޅަށް އަންހެނުން މުޒާހަރާއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަފްގާންގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ ބީބީސީ

އިއްޔެ ތާލިބާނުން އިއުލާންކުރި އަފްގާނިސްތާނު ސަރުކާރުގެ އެއްވެސް އިސް މަގާމެއް އަންހެނަކަށް ދީފައިނުވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަންހެނުން މަގުތައް މައްޗަށް ނުކުމެއްޖެއެވެ.

Ads by Sosun Fihaara

ވެރިރަށް ކާބުލްއާއި ބަދަކްޝާން ޕްރޮވިންސްގައި ގިނަ އަދަދެއްގެ އަންހެނުން ވަނީ މަގުތައް މައްޗަށް ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފައިކަމަށް ބައިނަލް އަގުވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަގުތައް މައްޗަށް ނުކުމެފައިވާ އަންހެނުން ބުނެފައިވާ ގޮތުގައި އެއްވެސް އަންހެނަކަށް ފުރުސަތެއް ނުދޭ ނަމަ ސަރުކާރު ބަލައިގަތުމަކީ އެމީހުން ކުރާނެ ކަމެއް ނޫނެވެ.

އަފްގާންގައި މިއަދު އަންހެނުން ކުރި މުޒާހަރާގައި ބައިވެރިވި ބައެއް މީހުންނާއި އެމުޒާހަރާ ކަވަރ ކުރަން އުޅުން ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

އެ ތުހުމަތުތަކަށް ތާލިބާނުން ރައްދު ނުދިން ނަމަވެސް މިފަދަ މުޒާހަރާތަކަކީ ގާނޫނާ ހިލާފު މުޒާހަރާތައްކަމަށް ތާލިބާނުން ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން މުޒާހަރާ ކުރުމުގެ ކުރިން އެކަމުގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ތާލިބާނުން ބުނެއެވެ.

ތާލިބާނުން ވަނީ ސަރުކާރުގެ މިނިސްޓަރުންގެ ނަންތަކާއި ގައުމު ހިންގާނެ ލީޑަރުގެ ނަން ވެސް އިއްޔެ ހާމަކޮށްފައެވެ. މިގޮތުން އެގައުމުގެ އައު ލީޑަރަކީ މުހައްމަދު ހަސަން އަކުންދު ކިޔާ މީހެކެވެ. އަދި ގައުމުގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި އަބްދުލް ގަނީ ބަރާދަރު ކިޔާ މީހެއްގެ ނަން އިއުލާނުކޮށްފައިވާއިރު އިންޓީރިއާ މިނިސްޓަރަކީ ސިރާޖުއްދީން ހައްގާނީ ކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕާރސަން ޒަބީހުﷲ މުޖާހިދު ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހަމަޖައްސައިފައި ވަނީ ތާލިބާނުންގެ ބާނީގެ ގޮތުގައި މަޝްހޫރުވެފައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބެވެ.

ތާލިބާނުން އިއްޔެ އާއްމުކުރި ގިނަ ނަންތަކަކީ ތާލިބާނުންގެ އިސް ސަފުގައި ހަރަކާތްތެރިވާ އާއްމު މޫނުތަކެއްކަމަށް ބައިނަލް އަގުވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!