ކުރީގެ ނައިބު ރައީސް ޖިހާދު، އިދިކޮޅުގެ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންފި
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން "އިންސާފު ހޯދަން" ނަމުގައި މާލޭގައި މިއަދު ހަވީރު ބޭއްވި މުޒާހަރާގައި، ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.
މިއީ ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ނިމުނުއިރު ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖިހާދު، މުޒާހަރާއެއް ނުވަތަ އަޑު އުފުލުމެއްގައި ވެސް ބައިވެރިވި ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހުންނަވާ ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މިފަދަ ހަރަކާތަކަށް ނުކުމެވަޑައިގެންނެވީ މި ސަރުކާރުގައި އެމަނިކުފާނަށް ވެސް ދިން އަނިޔާތަކަށް ކެތް ނުވެގެން ކަމަށެވެ.
"އަޅުގަނޑަށް އިހުސާސް ވަނީ ކަރުގައި ހަންޖަރު ޖައްސާފައި ހުރިހެން" ޖިހާދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި މި މުޒާހަރާ ފަށައިފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
ގިނަ އަދަދެއްގެ މީހުން މި އެއްވުމުގައި ބައިވެރިވެފައިވާއިރު އެ އެންމެން ވެސް ހަރު އަޑުން ގޮވައިލަމުން ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
އިދިކޮޅުގެ މި އެއްވުން ރޯޅައިލުމަށް ޓަކައި އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.