އިހުތިޖާޖުގެ ބައިވެރިންނަށް ފެނިލައި، ރައީސް ޔާމީން ހިތްވަރު ދެއްވައިފި!

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން "އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދާ އިހުތިޖާޖުގައި ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ފެނިލައިފިއެވެ.
މި ވަގުތު ގޭ ބަންދުގައި ހުންނަވައިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އިދިކޮޅުގެ ހަރަކާތުގެ ބައިވެރިންނަށް ފެނިލައިފައި ވަނީ ވެސް އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެން ކުޑަ ދޮރުންނެވެ. ނަމަވެސް އެމަނިކުފާނު ވަނީ، ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވިހުރުވައިލައްވައި އިހުތިޖާޖުގެ ބައިވެރިންނަށް ހިތްވަރު ދެއްވައިފައެވެ.

އިދިކޮޅު އިހުތިޖާޖުގައި ރައީސް ޔާމީންގެ ބައިވެރިވުން/ ފޮޓޯ: އަވަސް
"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޯލިޝަނުން ފުރަތަމަ ނިންމީ ސުލްޙަވެރި ހިނގާލުމެއް ބޭއްވުމަށެވެ. ނަމަވެސް ކާނިވާ ސަރަޙައްދުން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ އެ ހިނގާލުމަށް ހުރަސް އަޅައިފައެވެ. އެހެންކަމުން އެ ހިނގައިލުން ފަހުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ.
އިހުތިޖާޖުގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލުމުގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރު ހުންނެވި ނައިބު ރައީސް ޑރ. ޢަބްދުﷲ ޖިހާދު ވެސް މިއަދު ވަނީ މި އެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހުންނަވާ ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މިފަދަ ހަރަކާތަކަށް ނުކުމެވަޑައިގެންނެވީ މި ސަރުކާރުގައި އެ މަނިކުފާނަށް ވެސް ދިން އަނިޔާތަކަށް ކެތް ނުވެގެން ކަމަށެވެ.
"އަޅުގަނޑަށް އިހުސާސް ވަނީ ކަރުގައި ހަންޖަރު ޖައްސާފައި ހުރިހެން" ޖިހާދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި މި މުޒާހަރާ ފަށައިފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
ގިނަ އަދަދެއްގެ މީހުން މި އެއްވުމުގައި ބައިވެރިވެފައިވާއިރު އެ އެންމެން ވެސް ހަރު އަޑުން ގޮވައިލަމުން ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށެވެ.