ޝަރުޢީ ދާއިރާ

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ޔާމީން.. ފޮޓޯ: ރާއްޖެ.އެމްވީ

މަނީ ލޯންޑަރިންގެ ކުށް ސާބިތާކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ބަންދު ޙުކުމެއްގައި ހުންނެވި، ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.

Ads by MWSC

އެ ކޯޓުން ބުނީ އެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:00ގައި ކަމަށެވެ.

ރައީސް ޔާމީންގެ މި މައްސަލަ ބައްލަވައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރ ކޮށްފައިވާ ކަމަށް ބުނެ ދައުލަތުން، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ، އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުމުން ރައީސް ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށައަޅައިފައެވެ. މި މައްސަލަ އެ ކޯޓުން ބަލައިގަތީ މި އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!