ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވީ ސިއްރުން ކުރަން އުޅުނު ކަންކަން ފަޅައިއެރުމުން: އިލްހާމް
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އައު ސިޔާސީ ޕާޓީއެއްގެ މަސައްކަތަށް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ، އެ ޕާޓީ ތެރޭގައި ސިއްރުން ކަންތައްތަކެއް ކުރައްވަން އުޅުއްވުމަށް ފަހު ކަމަށް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ނާޒިމާއި ރިޔާޒް މިހާރު މަސައްކަތް ކުރައްވަނީ މިހާރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދެވުމުގައެވެ. އިތުރު ތިން މެންބަރުންނާ އެކު އެމްއެންޕީ އުފެއްދުމުގެ މަސައްކަތަށް އެ ދެބޭފުޅުން ނިކުންނެވީ، ސިޔާސީ އައު ފިކުރަކަށް ރާއްޖެ ބޭނުންވެފައިވާކަމަށް ވިދާޅުވެއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ނާޒިމް ވިދާޅުވެފައި ވަނީ ފާއިތުވީ ދެ އަހަރު ޖޭޕީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއްގައި ނޫޅެ "ނިދާފައި" ކަމަށެވެ. އަދި ޖޭޕީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއްކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މެންބަރު ނާޒިމްގެ އެ ވާހަކަތަކަށް މިއަދު ރައްދު ދެއްވަމުން އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައި އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށާއި އެކަން ޕާޓީގެ މެންބަރުންނާ ހިއްސާކޮށްފައި ވެސް ވާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ނާޒިމާއި ރިޔާޒް ވަކިވެވަޑައިގެންނެވީ ސިއްރުން ކުރަން އުޅުނު ކަންކަން ނުކުރެވުމުގެ ސަބަބުން ކަމަށް ވެސް އިލްހާމް ތުހުމަތު ކުރެއްވިއެވެ.