ސިޔާސީ

ނާޒިމް ބޭނުން ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް: ޝުޖާޢު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު އަސްލު ބޭނުންފުޅުވެވަޑައިގަންނަވަނީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގައި ހުންނަވަން ކަމަށާއި އެހެން ނަމަވެސް ޕީޕީއެމްއަށް ވަޑައިގަންނަވާނީ ރިޔާސީ ޓިކެޓް ދިނުމުން ކަމަށް ޝަރުތު ކުރެއްވި ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ނާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝުޖާއު ވިދާޅުވީ، ނާޒިމް ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންފުޅުވެ، ލައްވާ ކަަމަށާއި އެހެން ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވޭނީ މަސައްކަތްކޮށްގެން ކަމަށާއި ލީޑަރޝިޕާ ހަމައަށް ވެސް އާދެވޭނީ މަސައްކަތުން ކަމަށެވެ.

"ކާނަލް ނާޒިމްވެސް ބޭނުން ވަނީ މި ޕާޓީގައި ހުންނަންށޭ. އެކަމަކު ޝަރުތަކީ ތިމަންނައަށް ދޭށޭ ރިޔާސީ ޓިކެޓް. އެއެއް ނުލިބޭނެ. އެއަކީ މަސައްކަތް ކޮށްގެން ހޯދަން ޖެހޭ. ޕާޓީގެ ލީޑަރޝިޕަކީ ވެސް މަސައްކަތުން ލިބޭ އެއްޗެއް. އެކަން ނުވީމާ ޕާޓީ އުފައްދަން ނުކުތީ. އަދި އެއުޅެނީ 3،000 މެންބަރުން ވެސް ހަމަނުވެގެން" ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި، މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާ ގުޅިގެން ދަނީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިހާތަނަށް ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ލިބިފައިވާ ކަމަށާއި ރިކޯޑް އަދަދެއްގެ ސޮއާއެކު ޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާނެ ކަަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީން ވަނީ ހާމަކޮށްފައެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަ ކުރާނެ ކަމަށާއި، އަދި ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ޝުޖާއު، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ބޭފުޅުންނަށް ފާޑު ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަކީ ކަންނެތް ބޭފުޅެއް ކަމަށާއި ރައީސް ޔާމީނާ އެކު ދެން ކުރާނެ މަސައްކަތެއް ނެތް ކަަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ނާޒިމް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ.

ނާޒިމް އަދި ރިޔާޒަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، މުނާފިގުންގެ ހުރިހާ ސިފައެއް އެދެބޭފުޅުންގެ ގައިގައި އެބަހުރި ކަަމަށެވެ. މިގޮތުން ވިދާޅުވީ، މުނާފިގެއް ނަމަ، ވާހަކައެއް ދައްކައިފިއްޔާ ދޮގު ހަދާނެ ކަމަށާއި ވައުދެއް ވިއްޔާ އެ ވައުދަކާ ޚިލާފުވާނެ ކަމަށާއި އަމާނާތެއް ހަވާލުކޮށްފިއްޔާ، އެ އަމާނާތަކަށް ޚިޔާނާތްތެރިވާނެ ކަމަށެވެ. މިހެން ވިދާޅުވެ ވިދާޅުވީ ކާނަލް ނާޒިމްއާއި އަބްދުﷲ ރިޔާޒަކީ މުނާފިގުންގެ ތެރެއިން އަރާ ތިއްބެވި ދެ ބޭފުޅުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް މިމީހުން ކުރިމަތިލީ، ޖުމްހޫރީ ޕާޓީ ކިޔާ ޕާޓީއަކުން. ތިމާމެންނާ ރައްޔިތުން ހަވާލު ކުރި އަމާނާތަކީ ޖުމްހޫރީ ޕާޓީގެ ފިކުރުގައި ދެމިތިބެން. އެ ފިކުރު ދޫކޮށް، ރައްޔިތުން ކައިރީ ހޭވެސް އަހާ ނުލާ، އަމިއްލަ އެދުމައިގެން ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް ނޫނެކޭ ބުނެ އޭގެން ދުރުވުމަކީ އަމާނާތައް ޚިޔާނާތްތެރިވުން." މުނާފިގުންނަށް މިބޭފުޅުންވާ ގޮތަކީ މިއީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ކަންނެތް ބޭފުޅެއް ކަމަށް ނާޒިމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ނާޒިމާއި ރިޔާޒަކީ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުން ކަމަށާއި އެ ބޭފުޅުން މަޖިލީހަށް ވަޑައިގަންނަވަނީ މެންދުރު 12 ޖަހާއިރު ކަމަށެވެ. އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް ހެނދުނު 10 ޖަހާއިރު ފަށައެވެ. ޝުޖާއު ވިދާޅުވީ، މިކަމަށް މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ހާޒިރީ ވެސް ހެކިވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!