ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ހުށަހަޅައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒް ކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހުށަހަޅައިފިއެވެ.

Ads by STELCO

މިގޮތަށް ހުށަހަޅައިފައި ވަނީ، މިހާރު ސްޕްރީމް ކޯޓުގައި ކުރިޔަށްދާ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ހުކުމުގެ ސްޕްރީމް ކޯޓުގެ އިސްތިއުނާފް މަރުހަލާގައެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައި ވަނީ، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެއީ މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިގެންނެވެ.

މިއަދު ސްޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުގައި، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ޤާނޫނީ ޓީމްގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، މިއަދު ފެށި އަޑުއެހުމުގެ ލިޔެ ކިޔުންތައް ދައުލަތުގެ ފަރާތުން ލިބިފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ބަލައި ތައްޔާރުވުމަށް ދެ ދުވަސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ކޯޓުންވަނީ އެ މުއްދަތު ދޭން ނިންމައިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. މި މައްސަލަ ބައްލަވާ އިސް ފަނޑިޔާރު މަހާޒު ވިދާޅުވީ، ތައްޔާރުވުމަށް ދެ ދުވަސް ދެއްވާނެ ކަމަށާއި އެހެން ނަމަވެސް، މިއަދުގެ ޝަރީއަތް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާއެވެ. އަދި ކަފާލާތުގެ ދަށުން ދޫކޮށްދީ، ހުކުމް ތަންފީޒް ކުރުން ލަސްކޮދޭންވަނީ ހުށަހަޅައިފައެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދާތީ ބައްޔަށް ހައި ރިސްކް ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިންނެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާ އެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި މީގެ ކުރިން ވަނީ އެދިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެންބަރު 2018 ގައެވެ.  މި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ 21 ޖެނުއަރީ 2021 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!