އައިފޯން ސީރީސް13 ދައްކާލައިފި، ގަނެދޭނީ ކާކު؟

އެޕަލް ކުންފުނީގެ އާ އުފެއްދުންތައް ދައްކައިލަން ރޭގައި ބޭއްވި ޙަފްލާއެއްގައި އައު ކުލަތަކާއެކު، އައިފޯން ސީރީޒް13 ދައްކާލައިފިއެވެ.
ރޭގައި އައިފޯން 13 ގެ އާ ފޯނުތައް ދައްކައިލި އިރު، އެ ސީރީޒްގެ 13 ޕްރޯއާއި އައިފޯން ޕްރޯ މެކްސް ތަފާތެވެ.
އެގޮތުން އައިފޯން ޕްރޯގައި އޭ15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވެސް ހިމަނައިފައިވެއެވެ. އަދި ޑިސްޕްލޭ ވެސް ވަނީ 120 ހާޓްޒް އަށް މަތިކޮށްފައެވެ.
އެ ފޯނުގެ ކެމެރާތަކަށް ގެނައި ބަދަލުގައި، ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ނެގުމަށް ވެސް ހާއްސަވާނެ ކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ. އަދި މިއީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނު ކަމަށާއި އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް ބެޓެރީ ހިފަހައްޓާނެ ކަމަށް ވެސް ބުންޏެވެ.

އެޕަލް ކުންފުނިން ވަނީ އައިފޯންގެ އައު ފޯނުތަކުގެ އަގުތައް ވެސް ރޭގައި ހާމަކޮށްފައެވެ.
އެގޮތުން އައިފޯން 13 ޕްރޯގެ އަގު ފެށެނީ 999 ޑޮލަރަށެވެ. އަދި ޕްރޯ މެކްސް 1099 ޑޮލަރަށެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން މި ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައި މި މަހު 24 ގައި ދުނިޔޭގެ ބާޒާރަށް ނެރޭނެއެވެ. މި ފޯނުތަކުގެ ސްޓޮރޭޖް 1 ޓެރަބައިޓާ ހިސާބަށް ލިބޭނެ ކަމަށް ވެސް އެޕަލް ކުންފުނިން ބުނެއެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.
މީގެ އިތުރުން ކުރީގެ ފޯނުތަކާ އަޅާބަލާއިރު، އައިފޯން 13 އާއި މިނީގައި ވަނީ ޕަފޯމަންސް ވެސް ވަރުގަދަކޮށްފައެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު ވަނީ ވަރަށް ބޮޑަށް މަތިކޮށްފައެވެ. އަދި މި ފޯނުތަކުގެ ނޮޗް ވެސް ވަނީ ކުޑަކޮށްފައެވެ.