މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ 30 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އެބައޮތް : ވެމްކޯ
މާލެ ސިޓީ ކައުންސިލުން ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އެބައޮތް ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.
ކުނި އުކުމުގައި ވެމްކޯ ފެއިލްވެ، މާލެތެރޭ ކުނި ޖަމާވެފައިވާ ކަމަށް ބުނެ ކައުންސިލުން މިއަދު ކުނިތައް ނަގައި ވެމްކޯ ސައިޓް ކުރިމައްޗަށް އަޅައިލި މައްސަލައެއް މިއަދު ވަނީ ފެންމަތި ވެފައެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، މާލެ ސިޓީ ކައުސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށް ވުރެ ކުޑަ އަގެއް ކަނޑައަޅައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ އެބަހުރި ކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ.
އެގޮތުން އެ ކުންފުނީގެ އެންމެ ފަހުގެ ރިކޯޑުތަކަށް ބަލާއިރު ސިޓީ ކައުންސިލުން ދައްކަން ޖެހޭ ބިލުގެ އަދަދު ވަނީ 30.5 މިލިއަން ރުފިޔާއަށް އަރައިފައި ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ކޮންމެ މަހަކު އެ ފައިސާ ދައްކަން އަންގާ ކަމަށް ވެސް ވަނީ ބުނެފައެވެ.
"350 ކިލޯ ލޮރީއަކަށް ކައުންސިލަށް ނަގާނީ 200ރ. އާއްމު ފަރާތަކަށް 250ރ. ނަގާނެ. 1.5 ޓަނުގެ ލޮރީއަކަށް 450ރ. އަދި ދެ ޓަނުގެ ލޮރީއަކަށް 650ރ. ނަގަނީ. ސިޓީ ކައުންސިލުން އެންމެ ފަހުން ދެއްކި ބިލެއް، މިހާރު ޕެންޑިންގައި ހުރީ ކިހާވަރެއްތޯ ސާފުކޮށްލަންވީ ނޫންތޯ" އާދަމް މުޙައްމަދު ވިދާޅުވިއެވެ.
އާދަމް މިހެން ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކުރާ ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ތިޔަ ބިލްތަކަކީ މިހާރުގެ ކައުންސިލް އައިފަހުން ދައްކަންޖެހިފައި ނުދައްކާހުރި ބިލްތަކެއްތޯ؟ ނުވަތަ ކުރީގެ ކައުންސިލުން ނުދައްކާހުރި ބިލްތަކެއްތޯ؟
ފަގީރުރައްޔަތުު މީހާގެެ ކުނިި ފައިސާާ ނުދީީ އުކޭނެެ ތަނެއްް އޮންނަނަންް ވާާ ނެެ އިންސާނީީ ހައްގަކަށްް އަރައެއްް ނުގަނެވޭނެެ މާﷲކަލޭޭ މައިި ތިރިި ކުރައްވާނެ