ހަފްތާއަކު ތިން ބިހަށް ވުރެ ގިނައިން ނަމަނަމަ ނުކާތި!
ހަފްތާއަކު ތިން ބިހަށް ވުރެ ގިނައިން ކެއުން ރަނގަޅު ނޫން ކަމަށާއި އެކަމުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާ ކަމަށް އައު ދިރާސާއެއްގައި ބުނެފިއެވެ.
ޖަމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ޝިކާގޯގެ ނޯތުވެސްޓާން ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ދިރާސާގައި ބުނީ ދުވާލެއްގެ މައްޗަށް 300 މިލިގްރާމަށް ވުރެ ގިނައިން ޑައިޓްރީ ކޮލެސްޓްރޯލް ވެސް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. ބިހުގެ ގޮބޮޅިއަކީ ޑައިޓްރީ ކޮލެސްޓްރޯލް މަތީ މިންވަރަކަށް އެކުލެވޭ އެއްޗެކެވެ.
އެހެންވެ ދުވާލެއްގެ މައްޗަށް ޑައިޓްރީ ކޮލެސްޓްރޯލް ބޭނުންކުރާ މިންވަރު 300 މިލިގްރާމަށް ވުރެ އިތުރު ކުރާ ނަމަ ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު 3.2 ޕަސަންޓަށް އިތުރުވާ ކަމަށް ދިރާސާއިން ދެއްކިއެވެ. އަދި އެފަދަ ސިއްހީ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު 4.4 ޕަސަންޓަށް ބޮޑުވާ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
ދިރާސާ ޓީމުގައި ހިމެނިވަޑައިގަންނަވާ ވިކްޓާ ޒޯންގް ވިދާޅުވި ގޮތުގައި ކޮލެސްޓްރޯލް އެކުލެވޭ ބާވަތްތަކަކީ އާންމުކޮށް ސެޗުރޭޓެޑް ފެޓާއި އެނިމަލް ޕްރޮޓީނުން މުއްސަނދިވެފައިވާ ބާވަތްތަކެއް ކަމަށް ވިޔަސް، ބޭނުން ކުރަން ޖެހޭ މިންވަރަށް ވުރެ ގިނައިން އެފަދަ ބާވަތްތައް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
އެހެންވެ ބިސް ކާންވާނީ ކޮންޓްރޯލްކޮށްގެން ކަމަށް ވިދާޅުވިއެވެ.
"ބިހަކީ ވެސް ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ބާވަތެއް. އެކަމަކު މީގައި މުހިއްމު ކަމަކީ ބިސް ކާވަރު ވެސް ލިމިޓެއްގައި ހިފެހެއްޓުން. ހަފުތާއަކު ހަތަރު ބިސް ކެވޭ ނަމަ އެއީ ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމެއް،" ވިކްޓާ ވިދާޅުވި އެވެ.
"އެހެންވެ މީގައި މުހިއްމު ކަމަކީ ހަފުތާއަކު ތިން ބިހަށް ވުރެ އިތުރު ނުކުރުން."
ދިރާސާއިން ފާހަގަވި ގޮތުގައި ތިން ބިހަށް ވުރެ ގިނައިން ބިސް ކާ މީހުންނާއި އެއަށް ވުރެ މަދުން ހަފުތާއަކު ބިސް ކާ މީހުންގެ ސިއްހީ ރިކޯޑްތަކަށް ބަލާއިރު، މަދުން ބިސް ކާ މީހުންނަށް ދިމާވާ ހިތުގެ މައްސަލަތައް މަދެވެ.
ނަމަވެސް މި ދިރާސާ ހެދުމުގައި ހިއްސާ ނުވާ ބައެއް ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ބިހަކީ ހަށިގަނޑަށް މުހިންމު އެއްޗެއް ކަމަށާއި ބިހުން ލިބޭ ކަމަށް ބުނާ ސިއްހީ ގެއްލުންތަކުގެ ނުރައްކާ އެހާ ބޮޑު ނޫން ކަމަށެވެ. އަދި ގިނައިން ބިސް ކާ މީހުންނަށް ދިމާވާ ކަމަށް ބުނާ ސިއްހީ ނުރައްކާތައް ބޮޑު ވަނީ ކަސްރަތު ކުރުން މަދުވުމާއި ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ އިތުރުން ކޮލެސްޓްރޯލް ގިނަ ކާނާ ކެއުމުގެ އާދަ ހުންނަ ގޮތުން ކަމަށް ވެދާނެ ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މި ދިރާސާގެ މައްޗަށް ބިނާކޮށް، ކެއުން ބަހައްޓަންވީ ގޮތުގެ ގައިޑްލައިނެއް ހެދުމަކީ އަދި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިކަމާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރަންޖެހޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
މަށަށް ވެސް އެހެންހީވޭ ބިސްމާގިނައިންކާމީހުން އެއީހާޓްޕޭސެންޓުން .
ސިއްޙަތު ސަލާމަތުން ހުރުމަކީ ހާސް ނިޢުމަތެއް.