ރިޕޯޓް ސަރުކާރު

އަލީ ވަހީދުގެ މައްސަލަ: ދައުލަތުން ކުޅޭ ޑްރާމާއެއްތަ؟

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

ކޮވިޑުގެ ތެރޭގައި ގެއާ ދުރުގައި އެތައް ބަޔަކު މަސައްކަތްކުރި އިރު އޭގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީގެ މުއައްޒަފުން ވެސް ހިމެނެއެވެ. އެ ގޮތުން މާގިރި ހޮޓެލުގެ ފްލޯއެއްގައި އެ މިނިސްޓްރީގެ މުއައްޒަފުން މަސައްކަތްކުރިއިރު އޭގެ ފަހުން އިވިގެން ދިޔަ އަޑަކީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު 13 މުއައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ އެ މުއައްޒަފުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަރިހަށް ގެންގޮސް މުއައްޒަފުން ވެސް ރޮއި ރައީސް ވެސް ކީރިތި ކުރެއްވި ޚަބަރެވެ. އެއާ އެކު ދެން ފެނިގެން ދިޔައީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިޙް އަންގަވައި އެކަން ނުކުރެއްވުމުން މަގާމުން ވަކިކުރި މަންޒަރެވެ.

Ads by Hajj Corporation

އަލީ ވަހީދު މަގާމުން ވަކިކުރި ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ އަލީ ވަހީދު އެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި ބޮޑަށް ބެލެވެނީ އެއީ ސިޔާސީ ގޮތުން ބަޔަކު ކުޅޭ ކުޅިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ އެއްބާރުލުން އަލީ ވަހީދަށް ލިބޭނެ ކަމަށާއި އެއީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް ކަމަށެވެ.

އަލީ ވަހީދުގެ އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް އެގާރަ ދައުވާއެއް ކުރިއެވެ. ނަމަވެސް އެއަށް ފަހު ދައުލަތުން އަލީ ވަހީދު ސަލާމަތްކުރަން ޖެހީ މޮޅު ސްޓަންޓެކެވެ. އެ ގޮތުން ބޭސްފަރުވާއަށް ކަމަށް ބުނެ އޭނާ ފުރުވައިލިއެވެ. ނަމަވެސް ދައުލަތުން އެކަމުގައި ފުރަތަމަ ވެސް ހެދީ ދޮގެވެ. އެގޮތުން ޕީޖީ އޮފީހުން ބުނެފައި ވަނީ އެކަމުގެ މައުލޫމާތު ޕީޖީއަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އަލީ ވަހީދުއަށް ފުރައިގެން ދެވުނީ ހިފަހައްޓައިފައި އޮތް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރަކަށް ޕީޖީއިން އެދުމުންނެވެ.

އަލީ ވަހީދު ފުރައިގެން ގޮސް އަނބުރާ އަންނަން ޖެހޭ މުއްދަތު ފަހަނަ އަޅައި ގޮސްފައިވާއިރު އޭނާ ނައުމުން ވެސް އޭނާއާ މެދު ފިޔަވަޅު އެޅުމެއް ނެތެވެ. އަދި ޖާމިނު ކުރި މީހާއާ މެދު ވެސް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. ހައިކޯޓުން އެކަން އެ ގޮތަށް ކުރަން ޖެހޭނެ ކަން ހާމަކުރުމުން ވެސް މެއެވެ.

ކަން މިހެން ހުރުމުން އެތައް ބަޔަކު ދިޔައީ އަލީ ވަހީދުގެ މައްސަލައިގައި ސުވާލު އުފައްދަމުންނެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި ހައިކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުން އެ މައްސަލައިގައި ޕީޖީ ކުޅުއްވި ޑުރާމާއެއްކަން ވަނީ ހާމަވެފައެވެ. ހައިކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އަލީ ވަޙީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އޭނާގެ އާދައިގެ ޕާސްޕޯޓު ބޭނުން ކުރައްވައިގެންނެވެ. ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުން އޭނާ ވަކިކުރެއްވުމާ ގުޅިގެން 11 އޯގަސްޓް 2020 ވަނަ ދުވަހު އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ވަނީ ކެންސަލްކޮށްފައެވެ.

ނަމަވެސް ދައުލަތުން ހިފަހައްޓައިދިނުމަށް އެދިފަ އިވަނީ ކެންސަލްކޮށްފައިވާ އޭނާގެ ޕާސްޕޯޓެވެ. އެކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އަލީ ވަޙީދު ރާއްޖެއިން ފުރާވަޑައިގަތުމުގެ އެތައް ދުވަހެއް ކުރިން ބާތިލުކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން އެދެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް އަލީ ވަޙީދު ރާއްޖެއިން ފުރާވަޑައިގަތުމަށް ހުރަހެއް ވެސް ނޯންނާނެ ކަމަށެވެ.

އަދި އަލީ ވަޙީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ ވެސް އެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރިން ނިމިފައިވާ އަމުރު ވެސް ބާތިލުކޮށްފައި ނުވަނީސް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އަދިވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. "އިސްވެ ދިޔަ ކަންތައްތަކަށް ބެލުމުން އަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހެއްޓުމުގައި ދައުލަތާއި އަދި ތަންފީޛީ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން، ކަމަކަށް ކަމެއް ކުރީ ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ." އަދި ދައުލަތުގެ ބޮލުގައި އެޅިފައިވާ ޤާނޫނީ ޒިންމާ ރަނގަޅަށް އަދާކުރި ކަމުގައި ބެލެވޭނެ ހަމައެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މިކަމުން ވެސް ޕީޖީއިން މިކަމުގައި އިހުމާލުވަމުންދާކަން ހާމަވެފައިވެއެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލީ ސީދާ ދައުލަތުންކަން އޭނާ ވެސް ވަނި ދާދި ފަހުން ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި ޕީޖީ ތާއީދުކުރީ އޭނާ ބޭރަށް ފުރުވާލަން ކަމަށާއި ކޯޓުގެ ޝަރީޢަތުގެ އޯޑިއޯރިކޯޑިންގއިން އެކަން ކަށަވަރު ކުރެވޭނެކަމަށް ޢަލީ ވަހީދު ވިދާޅުވެފައިވެއެވެ. އަދި އައު ޕާސްޕޯޓެއް ހަދައި އެ ރެއިން އެރެއަށް އޭނާއަށް ފުރަން މަޖުބޫރު ކުރުވިކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ ފަހުން ޖޭ.އެސް.ސީ ހިސޯރުކޮށްގެން މަސައްކަތް ފެށީ ފަނޑިޔާރު ހަވަރަށްދީ ހަރާމް ހުކުމެއް ކުރުވަންކަމަށް ވެސް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދުގެ އެ ވާހަކަތަކާއި އަދި ހައިކޯޓުގެ ހުކުމުން އަލީ ވަހީދުގެ މައްސަލައިގައި ދައުލަތަށް ކޮންމެވެސް މަޖްބޫރެއް އޮތް ކަން ހާމަވެއެވެ. އެގޮތުން ޢަލީ ވަހީދު ވަނީ މީގެ ކުރިން ވެސް ދައުލަތް ކޮމްޕްރޮމައިޒް ވާވަރުގެ ހެކި އޭނާ އަތުގައި ހުރި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވަޒީރު ކަމުން ވަކިކުރުން އެއީ ރައީސް ސޯލިހަށް ވަގުތާއި ހާލަތުގެ ޖަޒުބާތުގައި ޖެހިވަޑައިގެން ނިންމެވުނު ނިންމެވުމެއްހެން ހީވާ ދަރަޖައަށް މިޙާރު ކަންކަން މިވަނީ ގޮސްފައެވެ.

އަލީ ވަހީދު ބޭނުންވާ ގޮތަށް ފިލްމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި ހުރިހާ މުއައްސަސާއެއްގެ ވެރިން މަސައްކަތް ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ހުކުމެއް ވެސް އިއްވައިފިއެވެ. އެއާ އެކު އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީއަށް އެދޭ ވާހަކައެއް ވެސް ފުލުހުން ދައްކަވައިފިއެވެ. ނަމަވެސް ކަށަވަރުވާ ކަމަކީ މި ލިޔުން ލިޔަމުން ދާއިރު އަދި މިހާތަނަށް އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ރެޑްނޯޓިސްއެއް ނެތެވެ.

ކޮންމެއަކަސް އެނގޭހާ ވެސް އެއްޗަކީ އަލީ ވަހީދު މައްސަލައިގައި ދައުލަތް ވަނީ ވަރަށް ބޮޑަށް ފިތިފައިކަމެވެ. ނޭވާ ހޮޅީގައި ވަރަށް ބޮޑަށް ތާށިވެ ސަރުކާރުގެ ދެލޯ ކަޅިއަށް އަރައިފައިކަމެވެ. ނަމަވެސް ނޭނގޭ ކަމަކީ ދައުލަތުން އަލީ ވަހީދުގެ މައްސަލައިގައި މިހާ މޮޅު ޑްރާމާއެއް މިކުޅޭ ސަބަބެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!