ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް: ހެޑްކޯޗް އެކަހެރިކޮށް ގިނަ ބާރުތަކަކާ އެކު ބަނގްލަދޭޝްގެ ކޯޗަކަށް އޮސްކާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަންނަ މަހުގެ 1އިން 16އަށް މާލޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ބަނގްލަދޭޝް ޓީމުގެ ކޯޗަކަށް އެ ގައުމުގެ ލީގް ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ ކޯޗް ސުޕެއިންގެ އޮސްކާ ބުރުޒަން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

ބަނގްލަދޭޝްގެ ހެޑް ކޯޗް ޖެމީ ޑޭ މަގާމުން އެކަހެރިކޮށް އޮސްކާއަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޒިންމާ މަތިކޮށްފައި ވަނީ ދެ މަސް ދުވަހަށެވެ.

ބަނގްލަދޭޝް ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ޗެއަރމަން ނަބީލް އަހުމަދު އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޖެމީ ޑޭގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ދަށް ނަތީޖާތަކުގެ ސަބަބު އެ ކޮމިޓީއަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއާ މަޝްވަރާކޮށް ނިންމީ ޖެމީ ޑޭއަށް ދެ މަސްދުވަހުގެ ޗުއްޓީއެއް ދީ އޮސްކާއަށް މަޤާމު ހަވާލުކުރަން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި އެގްރީމެންޓްގައިވާ ގޮތަށް ޗުއްޓީގެ ދެ މަސްދުވަހުގައި ވެސް މުސާރައާއި ހުރިހާ އިނާޔަތްތަކެއް ޖެމީ ޑޭއަށް ލިބޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އިނގެރޭސި ވިލާތުގެ 42 އަހަރުގެ ޖެމީ ޑޭ ހުރީ ބަނގްލަދޭޝް އެފްއޭގެ މި ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް މީޑިއާތައް ބުނެއެވެ. 04 އަހަރުގެ މުއްދަތަށް އޭނާ ބަނގްލަދޭޝްގެ ކޯޗްކަމާ ހަވާލުވީ 2018ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަނގްލަދޭޝް ކުޅުނު 29 މެޗްގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 9 މެޗުންނެވެ. އަދި ފަސް މެޗުން އެއްވަރުވިއިރު 15 މެޗުން އެ ޓީމު ބަލިވެފައި ވެއެވެ.

ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ހަވާލުވެ އެއްވެސް މެޗަކުން ބަލި ނުވެ ސީޒަން ނިންމައިލަދިން ކޯޗް ، އޮސްކާއަކީ ބަނގްލަދޭޝްގެ ވެސް އެންމެ ކާމިޔާބު އެއް ކޯޗެވެ. ބަނގްލަދޭޝްގެ މުއްސަނދި ކްލަބު ، ބަޝަންދުރާ ކިންގްސްގައި އޭނާ ހޭދަ ކުރާ މިއީ ހަތަރުވަނަ އަހަރެވެ. މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ އެ ޓީމަށް ދެ އަހަރު ލީގު ހޯދައިދީފައެވެ. އަދި އޭނާ ވަނީ އިންޑިޕެންޑެންސް ކަޕް ދެ ފަހަރު ، ފެޑެރޭޝަން ކަޕް އެއް ފަހަރު އެ ޓީމަށް ހޯދައިދީފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބަނގްލަދޭޝްއަކީ އެހާ ކާމިޔާބު ޓީމެއް ނޫނެވެ. ސާފްގެ 12 މުބާރާތް ނިމިގެން ދިޔައިރު އެ ޓީމަށް ތަށި ލިބިފައި ވަނީ އެންމެ ފަހަރަކުއެވެ. 2003 ވަނަ އަހަރު ބަނގްލަދޭޝް ޗެމްޕިއަންކަން ހޯދީ ޕެނަލްޓީޝޫޓްއައުޓްގައި 5-3އިން ރާއްޖެ ބަލިކޮށްގެންނެވެ.

ބޮޑެތި ހޭދަތައްކޮށް ރަނގަޅު ނަތީޖާތައް ނުނުރެވޭތީ ބަނގްލަދޭޝްގެ ޓީމަށް ވަރަށް ގިނައިން ފާޑު ކިޔުންތައް އަމާޒުވެއެވެ. އެހެންކަމުން އެ ގައުމުން ދަނީ ސަރަހައްދީ ޗެމްޕިއަންކަން ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މި ސަބަބަށް ޓަކައި އޮސްކާ ބުރުޒަންއަށް މަޤާމު ޙަވާލުކޮށްފައި ވަނީ ގިނަ ބާރުތަކަކާ އެކުގައެވެ. އެ ގޮތުން ކޯޗިން ސްޓާފުން ކަނޑައެޅުމާއި ޓީމާ ގުޅޭ ގިނަ ނިންމުންތަކެއް ދޫކޮށްލައިފައި ވަނީ އޭނާގެ އަތްމައްޗަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!