ރިޕޯޓް

ޚިދުމަތުގައި 36 އަހަރު، 4465 މީ ހަމަ ޙައްޤު މިންވަރުތޯ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު މީސްމީޑިއާގައި އެންމެ ބޮޑަށް ދެކެވެނު އެއް ވާހަކަކީ ސިވިލް ސާވެންޓުން މިއަދު ކުރި ހިމޭން އިޙްތިޖާޖުގެ ވާހަކައެވެ. ސިވިލް ސާވަންޓުން އެކުގައި ތިބިކަން ހާމަކޮށްދިނުމަށް އެކި ދާއިރާތަކުގެ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު މަސައްކަތަށް ނިކުތްއިރު، ބައެއް މަސައްކަތްތެރިންގެ އިހްސާސްތައް ހާމަކޮށްދީ ބެނާތަކާއި ބޯޑުތައް ވަނީ ހިއްސާކޮށްފައެވެ. މި ފޮޓޯތަކުން މިއަދުގެ މުޅި ފޭސްބުކް އަދި ޓްވިޓަރ ފުރައިލިއެވެ. މިތަނުން އަޅައިގަތް ފޮޓޯއެއްގައި ހަރު އުމުރުގެ ދައްތައަކު ހިފަހައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައި ވެއެވެ.

Ads by Hajj Corporation

"ޚިދުމަތުގައި 36 އަހަރު، 4465 މީ ހަމަ ޙައްޤު މިންވަރުތޯ؟"

ރަނގަޅު ވާހަކައެކެވެ. ދައްތަގެ މުޅި އުމުރު އެ ހޭދަކުރަނީ އަޅުގަނޑުމެންގެ ޚިދުމަތުގައެވެ. ޤައުމަށް ޚިދުމަތް ކުރުމުގައެވެ.

ސިވިލް ސާވަންޓުންގެ ގޮތުގައި ތިބީ 26،668 މަސައްކަތްތެރިންނެވެ. އޭގެ ތެރެއިން 16،593 މަސައްކަތްތެރިންނަކީ އަންހެނުންނެވެ. އެމީހުން ޙައްޤު މިންވަރު ހޯދަން މިއަދު އެތިބީ ނުކުމެއެވެ.

ޙައްޤު މިންވަރޭ ބުނުމުން އެއީ ކޮން މިންވަރެއްތޯ ބަލައިލަން ހިނގާށެވެ. އެގޮތުން އެންމެ ފުރަތަމަ ޚަރަދު ބަރަދުގެ ވާހަކަ ދައްކަމާތޯއެވެ.

ފޮޓޯއިން ފެންނަ ދައްތަ ބުނާ ގޮތުން ނަމަ އެ ދައްތަގެ މަހު މުސާރައަކީ 4465 ރުފިޔާއެވެ. މިސާލަކަށް ބުނާނަމަ، އިތުރު ގަޑިއާއި އިތުރު ދުވަހުގެ ފައިސާ އަދި އެހެނިހެން އިނާޔަތްތައް އެއްކޮށްގެން ވެސް މުސާރައަށް 7500 ހަމަވާ ސިވިލް ސާވަންޓުން ތިބިކަން އަަޅުގަނޑުމެން ކުރި ކުޑަ ރިސާޗަކުން ވަނީ އެނގިފައެވެ.

މުސާރައަށް 7500 ލިބެއޭ ބުނުމުން އެއީ ވަރަށް ގިނަ ފައިސާއޭ ހިތަށް އަރައިފާނެއެވެ. ނަމަވެސް މަސް ފެށުމާ އެކު ކުރަން ހުންނަ ޚަރަދުތަކުގެ ލިސްޓު އެހާމެ ދިގެވެ.

މިހާ ކުޑަ މުސާރައެއް ލިބޭ ސިވިލް ސާވަންޓަކު، ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން"އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ މުސާރައަށް ލިބޭ ފައިސާ ކޮޅު މަހުގެ މެދަކާ ހަމައަށް އެރުމުގެ ކުރިން ހުސްވާ ކަމަށެވެ. ސަބަބަކީ އޭނާގެ މުސާރައިން ކުރަން ހުންނަ ޚަރަދުތަކަށް ކަނޑައިފައި ބާކީ ވަނީ މަދު ފައިސާ ކޮޅެކެވެ.

"ފިރިމީހާއާ އެކު އަޅުގަނޑު މާލޭގައި އުޅެނީ ކުއްޔަށް. އަޅުގަނޑުމެންގެ ދެ ދަރިން ވެސް ތިބޭ. އެކަކު މިހާރު އުޅެނީ ގްރޭޑް 10ގައި، އަނެކަކު 7ގައި. ކުއްޔަށް ދައްކަން ޖެހޭ މަހަކު 13،000 ރުފިޔާ. އެހެންވެ އެ ބައި ދައްކަނީ ފިރިމީހާ. ބިލްތަކަށް ބަލާއިރު އާންމުކޮށް ކަރަންޓު ބިލަށް އަރަނީ 1500 ރުފިޔާ، ފެން ބިލަށް 800 ރުފިޔާ. ބިލްތައް ދައްކަނީ އަޅުގަނޑު. ގެއަށް ކާ އެއްޗެހި ގަންނަނީ ފިރިމީހާއާ ދެމީހުން، އެއަށް ވެސް އަޅުގަނޑު އަތުން 1000 ރުފިޔާވަރު ދޭ. ދެން ދެ ފާޚާނާއަށް ބޭނުންވާ ފެންވަރާ ސާމާނާ އަޅުގަނޑުމެން ދެމަފިރިންނާއި ދަރިންގެ ރީތިވާ ސާމާނު ގަތުމަށް ވެސް އަޅުގަނޑު އަތުން މަދުވެގެން ދޭ މަހަކު 2000 ރުފިޔާވަރު. ބާކީވާ ފައިސާ ކޮޅު ބަހައްޓަނީ ދަރިންނަށް އިންޓަވަލް ދޭށާއި ކުއްލި ބޭނުންތަކަށް" ވަރަށް މާޔޫސް ވެފައި އިނދެ އޭނާ ކިޔައިދިނެވެ.

އޭނާ ވެސް ކިޔައި ދިން ގޮތުގައި، ސިވިލް ސާވަންޓެއްގެ ވަޒީފާގައި އޭނާ މަސައްކަތް ކުރާތާ މިހާރު 18 އަހަރު ވަނީއެވެ. ނަމަވެސް ވަޒީފާގެ ކުރިއެރުމެއް ނުލިބޭ ތަނުގައި ލިބޭ މުސާރަ ވެސް އެދެވިގެންވާ މިންވަރަކަށް އިތުރެއް ނުވެއެވެ.

މިއީ އަދި އެކަކުގެ އަޑެވެ. މިފަދަ ކިތަންމެ ސިވިލް ސާވަންޓަކު މިފަދަ ހާލުގައި އެބައުޅެއެވެ. އެހެން މުވައްޒަފުންނާއި ޚިލާފަށް އެ ބޭފުޅުންނަކީ އަމިއްލަ ޝުޢޫރު ވެސް ފާޅު ކުރެވޭނެ މިނިވަންކަމެއް ނޯވެއެވެ. އެއީ ޤާނޫނުގައި ބުނާ ގޮތުންނަމަ މަނާ ކަމެކެވެ.

ކަޅު ހެދުމުގައި އެ ބޭފުޅުން މިއަދު މިފަދަ ހިމޭން އިހުތިޖާޖެއް ކުރަން ޖެހުނު ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެއެވެ. ކަޅު ކުލައިގެ ހެދުމުން ރަމްޒު ކޮށްދެނީ އެބޭފުޅުން ތިބީ މާޔޫސްވެފައި ކަމެވެ. ބެނާތަކާއި ބޯޑުތަކުން ބަޔާން ކޮށްދީފައި ވަނީ އެ ޝުޢޫރުތަކެވެ.

ސިވިލް ސާވަންޓުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތަކުން "ދެން"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މަސައްކަތް ހުއްޓައިލާން ނިންމައިފައި ވަނީ މާދަމާ ކަމަށެވެ. އަދި މިއަދު ހިމޭން އިހްތިޖާޖް ކުރުމުގެ ގޮތުން ހުރިހާ މުވައްޒިފުން ކަޅު ހެދުމުގައި މަސައްކަތު ނިކުތުމަށް ނިންމީ ކަމަށް ވެސް ބުންޏެވެ.

"އިހްތިޖާޖް ކުރުމުގެ ގޮތުން މިއަދު ނިކުތީ ކަޅު ހެދުމުގައި. އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނައުމުން، މާދަމާ ނިންމައިފައި ވަނީ މަސައްކަތް ހުއްޓައިލާން" ނަން ހާމަ ނުރަން ޝަރުތުކޮށް މައުލޫމާތު ދެމުން ސިވިލް ސާވެންޓަކު ބުންޏެވެ.

ސިވިލް ސާވެންޓުގެ މުސާރަ ބޮޑުނުކޮށް އެތައް ދުވަހެއް ވެފައިވާއިރު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

އިހްތިޖާޖްގައި ބައިވެރިވި ބައިވެރިން ބުނެފައި ވަނީ، ސިވިލް ސާވެންޓުންނަކީ އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނެކޭ އެއްގޮތަށް ބުރަ މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށާއި އެހެން ނަމަވެސް އަބަދުވެސް ސިވިލް ސާވެންޓްގެ އަޑު ސަރުކާރުތަކުން ނާހާ ކަމަށެވެ. އަދި އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ތައުލީމީ ސެޓްފިކެޓްތަކުން މުސާރަ ބޮޑުކުރާއިރު، ސިވިލް ސާވެންޓުންނަށް އެ ޙައްޤު ނޯންނަ ކަމަށާއި އިހްތިޖާޖް ކުރާ އެއް ސަބަބަކީ މިއީ ކަމަށް ވެސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!