ރައްޔިތުންގެ މަޖިލިސް

އިމްރާނަކީ ދާއިރާއަށް އޮތް "ތުރާލެއް"، އަދާލަތު ޕާޓީއަށް ކުރިޔަށް އޮތް 20 އަހަރުގައި ގޮނޑިއެއް ނުލިބޭނެ: ރާއީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނޭކުރެންދޫގައި ޖަލު ހެދުން ލަސްވާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ނޭކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ މިނިސްޓަރ އިމްރާން މަސައްކަތްޕުޅު ކުރައްވަނީ މި ސަރުކާރަށް އެއްވެސް ކަމެއް ވިޔަ ނުދޭން ކަމަށާއި އަދި އޭނާއަކީ މާއްދިއްޔަތަށް ގޮސް ހުސްވެފައި އޮތް ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"ޝައިޚްގެ ނަމުގައި ދުނިޔެ ބައްކުރަން އުޅޭ ބޭފުޅެއް އިމްރާނަކީ. ޝައިޚް އިމްރާނަކީ ދުނިޔެ ނަމުގައި މާދިއްޔަތަށް ގޮސް ހުސްވެފައި ހުރި ބޭފުޅެއް. އަޅުގަނޑުމެންގެ ޖަލުގެ ކަންތައްތަކަށް ވެސް، އަދި މި ސަރުކާރަށް ވެސް އެންމެ ބޮޑު އުނދަގުލަކަށްވެފައި ވަނީ މި ޝައިޚު އިމްރާނާ ހެދި" ޝެއިޚް އިމްރާނަށް މީގެ ކުރިން ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ރާއީ މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

ރާއީގެ ވާހަކަފުޅުގައި ވިދާޅުވީ ނޭކުރެންދޫގައި ޖަލު ހެދުމަށް ޓަކައި 2019 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެެޓްގައި ހިމަނަމުން އަންނަ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަކުނުދޫ ދާއިރާގެ ކަންތައްތައް ލަސްކުރަން އަދި ހުއްޓުވަން ވެސް އިމްރާން މަސައްކަތް ކުރައްވައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ނޭކުރެންދޫގެ ގޮނޑި އަދާލަތު ޕާޓީއަށް ނުލިބުމެވެ.

"އެކަަމަކު އަޅުގަނޑުމެންގެ ދާއިރާއަށް ޖެހިފައި އޮތް ދުއްތުރާލެއް ޝޭހު އިމްރާނަކީ. އަޅުގަނޑުމެންގެ ދާއިރާގެ ކަންކަން ހުއްޓުވުމަށް އުޅެނީ. މިސަރުކާރުން ލައްކަ މަސައްކަތްކުރޭ. ނަމަވެސް އިމްރާން ވަކިވަކި ވަޒީރުންނަށް ގުޅައިގެން މަސައްކަތްކުރޭ. މަޖިލީހުގައި އަދާލަތަށް ގޮޑިއެއް ނެތުމަކީ އަޅުގަނޑުމެންގެ މައްސަލައެއް ނޫން. މިމަޖިލީހަކަށް ކުރިއަށް އޮތް 20 އަހަރު ވެސް އަދާލަތުގެ މެމްބަރަކަށް ނުވަދެވޭ. އެމްޑީޕީގެ ތައްޕާހުން އުޅޭ ވަޒީރެއް ޝައިޚު އިމްރާނަކީ." ރާއީ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!