ދީން

ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދު ކުރުމަކީ ވެސް އިސްރާފު ކުރުން: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!

Ads by Hajj Corporation

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ އިޤްތިސާދު ކުރުމުގެ މައްޗަށެވެ. އެގޮތުން ޚުތުބާގައި އެންމެ ފުރަތަމަ ވެސް ހަނދުމަ ކޮށްދެއްވައިފައި ވަނީ، އަޅުގަނޑުމެން އިންސާނުންނަށް މާތް ﷲ ވަނީ އަދަދު ނުކުރެވޭހައި ވަރަށް ނިޢުމަތްތައް ދެއްވައިފައި ކަމަށެވެ. ވަކިން ޚާއްސަކޮށް، މުދަލާއި ފައިސާއަކީ، އެކަލާނގެ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިޢުމަތެއްކަން ޚުތުބާގައި ހަނދުމަ ކޮށްދެއްވައިފައިވެއެވެ. އަދި އެކަލާނގެ އަންގަވައިފައިވާ ގޮތަށް މުދަލާއި ފައިސާ ހޭދަ ކުރުމަކީ ސުވަރުގެއަށް ވާސިލުވުމުގެ މަގެއް ކަމަށް ވެސް ޚުތުބާގައިވެއެވެ. އެހެންކަމުން އެ މުދާ ބޭނުންކޮށް، ހޭދަ ކުރަން ވާނީ މާތް ﷲ އަންގަވައިފައިވާ ގޮތުގެ މަތިން ކަމަށް ވެސް ޚުތުބާގައިވެއެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންނަކީ ޝައިޠާނުންގެ އަޚުން ކަމުގައިވިއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާކަމުގައިވިއެވެ!

މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަޙީ ކުރައްވައިފައިވާ ކަމެކެވެ. އިސްރާފު ކުރުމަކީ ޙަރާމް ކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތަށް މުދާ ހޭދަކުރުމެވެ. އަދި ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީއާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދު ކުރުމަކީ ވެސް އިސްރާފު ކުރުމެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީ ވެސް އިސްރާފު ކުރުމެވެ. އަދި މިނޫން ވެސް މިފަދަ އެންމެހާ ނޭދެވޭ ކަންތައްތައް ހިމެނިގެންދާނީ އިސްރާފު ކުރުމުގެ ތެރޭގައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

އެފަދަ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގެންނުވާކަން އަންގަވައި، އެކަލާނގެ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންނުވެއެވެ!

އިސްރާފު ކުރުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިޤްތިސާދު ކޮށްގެން ދިރިއުޅުމެވެ. އެއީ މާތް ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން ދިރިއުޅުމެވެ. އެފަދަ މީހުންނަށް މާތް ﷲ ތަޢުރީފު ކުރައްވާފައިވެއެވެ.

އެގޮތުން މާތް ﷲ ވަޙީ ކުރެއްވި އެހެން އާޔަތެއްގެ މާނައިގައިވެއެވެ.

ﷲ ގެ މަގުގައި (ޖިހާދުކުރުމުގައި) ބަންދުވެފައިތިބި ފަޤީރުންނަށް (ޞަދަޤާތް ދިނުން) ހުއްޓެވެ. އެއުރެންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނޫޅެވެއެވެ. އެއުރެންގެ ޚަބަރު ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ މުއްސަނދިން ކަމަށެވެ. އެއުރެންގެ އަލާމާތްތަކުން، ތިބާއަށް އެއުރެން އެނގޭނެތެވެ. އެއުރެން އެއްޗެއްސަށް އެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ. ތިޔަބައިމީހުން މުދަލުން ހޭދަކުރާ ކޮންމެ އެއްޗަކާ މެދު (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ﷲ އެކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ.

ކަން މިހެން އޮތް ކަމުގައިވިޔަސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކަންކުރަމުން ދަނީ މިއާ ޚިލާފަށެވެ. ތިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއް ނެތި ޚަރަދުތައް ކުރަމުންދެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ މިޒަމާނުގައި، ބައެއް މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދައެވެ. ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ ކުރިން ގަނެދެއެވެ.

އަނެއްބަޔަކު، ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން، ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް ޒަރޫރަތެއް ނެތި ބޮޑެތި ޚަރަދު ކުރާތަން ފެނެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

  1. ށަވިޔަނި

    ދަރިން ކައިރީމަންމަމެން ނަކީ ވަރަށް ނާތަހުޒީބު ބައެއް ދެން ކިހިނެއްް ނަސޭޙަތެއް ދެވޭނީ ޚަރަދު ކުޑާކުރާ ވާހަކަ ބުނެފިއްޔާ އެކުދިން ލަދުގަންނާނެ ފިހާރަޔަކަށް ވަދެ އެއްޗެއްގެ އަގުބަލަން ވެސް ލަދުގަނޭވިއްޔާ