ދުނިޔެ

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލިޕިންސްގެ ވެރިރަށް މެނީލާއަށް 5.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

Ads by Sosun Fihaara

"ދަ ފިލިޕިން އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސިސްމޮލޮޖީ (ފިވޮލްކްސް)"އިން ބުނެފައިވާ ގޮތުގައި މެނީލާއަށް އައިސްފައި ވަނީ 74 ކިލޯމީޓަރު ފުންމިނުގެ ބިންހެލުމެކެވެ. އަދި މި ބިންހެލުމުގެ ސަބަބުން އިތުރު ލޮޅުމާއި ގެއްލުންތައް ވެދާނެ ކަމަށް ވެސް އެ އިންސްޓިޓިއުޓްއިން ބުނެފައިވެއެވެ.

މި ބިން ހެލުމުގެ އެޕިސެންޓަރ އައިސްފައި ވަނީ އޮސިޑެންޓަލް މިންޑޮރޯ ޕްރޮވިންސްއަށެވެ. ނަމަވެސް އޭގެ އަސަރު ކޮށްފައި ވަނީ މެނީލާއަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލިޕިންސް އުފެދިފައިވާ ހިސާބުގެ ސަބަބުން އެ ޤައުމަށް ވަރަށް ގިނައިން ބިންހެލުން އަންނަ ކަމަށާއި ގިނައިން ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ ހުޅަނގު ފަރާތަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އަދި އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

މި މަހުގެ 22 ވަނަ ދުވަހު އޮސްޓްރޭލިއާގެ މެލްބޯންއަށް ވެސް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ޤައުމަށް އައިސްފައި ވަނީ 5.8 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށާއި އެ ބިންހެލުމުގެ ސަބަބުން ވަރަށް ގިނަ އިމާރާތްތަށް ވެސް ވެއްޓުނު ކަމަށް ރިކޯޑު ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!