ފުޓްބޯޅަ

ފުރަތަމަ މެޗް ގެއްލުމަކީ ޕްރެޝަރެއް، ބަލިވީ ފިޓްނެސްގެ މައްސަލައަކުން ނޫން: ސުޒޭން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ރާއްޖެ 1-0ގެ ނަތީޖާއަކުން ބަލިވި މެޗްގައި، ރާއްޖެ މޮޅަށް ކުޅުނު ކަމަށާއި އެހެން ނަމަވެސް މެޗު ނަގައިފައި ނުވަނީ، ކައުންޓަރ އެޓޭކްތަކުގައި ޓީމް ޕްރެޝަރަށް ވެއްޓުމުން ކަމަށް ޤައުމީ ކޯޗް، އަލީ ސްޒޭން ބުނެފިއެވެ.

Ads by MWSC

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗް ނޭޕާލަށް ކާމިޔާބުކޮށްދިން ހަމައެކަނި ގޯލް ޖަހައިފައި ވަނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗްގެ ދެވަނަ ހާފްގައި އެރި މާނިޝް ޑަންގީއެވެ. ކައުންޓަރ އެޓޭކެއްގައި މެޗްގެ 86 ވަނަ މިނެޓްގައި ރާއްޖޭގެ ދެ ޑިފެންޑަރުން ނައްޓާލުމަށް ފަހު ޑަންގީ ފޮނުވައިލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ރޭގެ މެޗާ ބެހޭ ގޮތުން މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޒޭން ބުނީ، ސާފްގެ ފެށުން ގޯސްވުމަކީ ލިބުނު ބޮޑު ޕްރެޝަރެއް ކަމަށާއި މިހާރު އޮތީ ކުރިޔަށް ވުރެ އުދަނގޫ ހާލަތެއްގައި ކަމަށެވެ. ސްޒޭން ވިދާޅުވީ، ޤައުމީ ޓީމުން ދައްކަމުން އައީ ރަނގަޅު ކުޅުމެއް ކަމަށާއި އެހެން ނަމަވެސް ކައުންޓަރ އެޓޭކްތަކުގައި ޓީމު ޕްރެޝަރަށް ވެއްޓިގެން ދިޔަ ކަމަށެވެ. އަދި ނޭޕާލުން ޖެހި ގޯލް ކާމިޔާބު ކުރީ އެ ކަހަލަ ފުރުސަތެއްގައި ކަމަށް ވެސް ބުންޏެވެ،

"ރަނގަޅަށް ކުޅެވުނު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ހާލަތްތަކުގައި. އެހެން ނަމަވެސް ކައުންޓާ އެޓޭކުގައި ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަ ދެ ތިން ފަހަރެއް ދިޔަ. އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯކުރީ." ސްޒޭން ބުނެފައިވެއެވެ.

ސުޒޭން އިތުރަށް ބުނީ މި މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް މެޗަށް ދާއިރު ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ އަދި ބަދަލު ގެންނަ ނަމަ އެކަން ދެތިން ދުވަސްތެރޭ އަންގާނެ ކަމަށާއި ބަދަލު ގެންނަން ޖެހޭތޯ ބަލާނީ ކުރިޔަށް އޮތް ޓްރެއިނިން ސެޝަންތަކަށް ފަހުގައި ކަމަށް ވެސް ސްޒޭން ބުންޏެވެ.

ރާއްޖޭއިން މެޗްގައި ދެއްކީ ރަނގަޅު ކުޅުމެއް ކަަމަށާއި މިމެޗުން ބަލި ވިޔަސް އުންމީދު ކަނޑައިލާން ނުވާނެ ކަމަށް ސްޒޭންގެ ވާހަކައިގައި ފާހަގަ ކުރިއެވެ. އަދި ބުނެފައި ވަނީ، ނޭޕާލުން މެޗްގައި ކުޅެމުން ދިޔައީ ޑިފެންސަށް ކަމަށާއި ހަމަލާ އުފައްދަން މަސައްކަތް ކުރީ ކައުންޓާ އެޓޭކުން ކަމަށް ބުންޏެވެ. މިކަމުން ރާއްޖެ ބަލިވީ ފިޓްނަސް މައްސަލައަކުން ނޫންކަން އެނގޭ ކަމަށް ސްޒޭން ބުންޏެވެ.

"ދެން ފުރަތަމަ ހާފަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ޓާގެޓަށް ދެވުނު. އެހެން ނަމަވެސް ހަމަ މިޑްފީލްޑް ތެރެއިން ކޮންމެވެސް ވަރަކަށް އެބަހުރި ބައެއް ޕާސްތައް ކޮންމެވެސް ވަރަކަށް ޑިލޭވެފައި." ސްޒޭން ބުންޏެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރު ކުޅޭނީ ބަނގްލަދޭޝްއާއި އިންޑިއާ އެވެ. އެރޭ ކުޅޭނީ ޝްރީލަންކާއާއި ނޭޕާލެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

Ads by Ooredoo
  1. މަގޭ މަހަލްދީބް.

    އަހުރެންނަކީ “މަގޭ މަހަލްދީބް”. އަހުރެންނަށް ރޭގާ ނޭޕާލު ބަޔަކު ގެވެށި އަނިޔާކޮށްފޮލި. އެކަމުން އަރައިގަތުމަށް އަހުރެން ނިޔަތްގަނެފިން. އެކަމަކު ބޫޓާނު އަތުން ބަލިވީމާ ނޫނީ އެކަމާ އުޅެވޭކަށް ނެތް.

  2. މުޖާސއ

    މެޗުން މޮޅު ނުވިކަން ނަސީބު މޮޅުވިތަޖުރިބާއަށް ބަލާއިރު ނަމަ ރޭގަ ލޮލުފިޔަ ނުޖެހުނީސް

  3. ހޯލި

    ހަގީގަތުގަ އެންމެ ފަސޭހަ މެޗުން މި ބަލިވީ، ދެން ހުރީ މާ ޓަފް މެޗްތައް. ފޯވާރޑުން ޖެހޭ ރަގަޅަށް ޕާސްކޮށްގެން އަމިއްލަ އެދުން ކުރިޔަށް ނުނެރެ ޓީމަށް ގޯލެއް ޖެހޭތޯބަލަން. ދެތިން ފުރުސަތު ގެއްލުނު އަމިއްލައަށް ޖަހަން ހަދައިގެން