ޚަބަރު

ރައްޔިތުންގެ އިއްތިހާދުން ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: އަވަސް

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު މަޖިލިސް ތަޅުމުގައި ގޮވައިލުމުން ރައްޔިތުންގެ އިއްތިހާދުން ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

Ads by STELCO

ރައްޔިތުންގެ އިއްތިހާދުން ވަނީ ޖާބިރު ރައްޔިތުންގެ މަޖްލީހުގައި ދެއްކެވި ވާހަކައިގައި ޣައިރު ދީންތަކަށް ޖާގަ ދޭން ގޮވައިފައިވާތީ، އޭނާ ހައްޔަރު ކޮށްދެއްވައި، އޭނާގެ މައްސަލަ ޚާއްޞަ ސަމާލުކަމެއްގެ ދަށުން ތަޙްޤީޤު ކޮށްދެއްވައި އޭނާގެ މައްޗަށް ދަޢުވާ އުފުއްލަވައި ދެއްވުމަށް ފުލުހުންނަށް އެދިފައެވެ.

ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޖާބިރުގެ ފަރާތުން އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ އާދަކާދައާއި އިސްލާމްދީނުގެ މަތިވެރި އަޚްލާޤާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ވެސް ޚިލާފު، ބަލައިނުގަނެވޭނެ ދަށު ދަރަޖައިގެ ޢަމަލުތައް ރައްޔިތުންގެ މަޖްލީހުގެ ތެރޭގައާއި އެނޫން ތަންތަނުގައި ހިންގަމުން ގެންދާކަން އެކި ގޮތްގޮތުން ފާހަގަކުރެވެމުންދާ ކަމަށެވެ.

އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަމާ ޚިލާފު،އިިސްލާމްދީނުގެ އުޞޫލުތަކާއި އަސާސްތަކާ ވެސް ޚިލާފު ވާހަކަތަކެއް، 29 ސެޕްޓެމްބަރު 2021 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި ޖާބިރު ދައްކާފައިވާއިރު، މިދެންނެވި މައްސަލަތައް ބަލައި އެފަރާތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ފިޔަވަޅުތައް އެޅެންޖެހޭނެކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް ފަދަ ތަންތަނަކީ ޤައުމު ބައްޓަންވެ އޮންނަންޖެހޭ ގޮތް ކަނޑައަޅައި، އެކަންކަމާ މެދު ހަރުދަނާ ވާހަކަތައް ދެކެވި، ޚިޔާލު ފާޅު ކުރެވޭ ތަނެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭ ތަންތަން ކަމަށާއި އެއްވެސް އުޞޫލެއް، ހަމައެއް ނުދަންނަ، އަޅުކަންކުރާނެ ރައްބެއް އެރައްބުގެ ރަސޫލެއް ނުދަންނަ ބަޔަކު އުޅޭ މުޖުތަމަޢެއްގައި ކަންކުރާނެ ފަދަ، އުޞޫލެއްނެތް ގޮތްގޮތަށް، މި އިސްލާމީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ބަޔަކު ކަންކަން ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!