މުޅި މައްސަލައިގެ މަސްދަރާ ގުޅުންހުރި ކަންތައްތައް ތަހުގީގުން ވަނީ އުނިކޮށްފައި: ރައީސް ޔާމީން
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހަށް ޖަލަށްލާން ކޮށްފައިވާ ހުކުމްގެ މައްސަލައިގައި، މުޅި އެ މައްސަލައިގެ މަސްދަރާ ގުޅުންހުރި ކަންތައްތައް ތަހުގީގުގައި ވަނީ އުނިކޮށްފައި ކަމަށް ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ގުޅޭގޮތުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އެ ކޯޓުގެ އާ ބެންޗުން މައުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ވަރަށް ގިނަ ސުވާލުތައް ކުރައްވާފައިވާ ކަމަށާއި އެކަމަށް ޓަކައި އުފާ ކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް މި މައްސަލައިގެ މައްޗަށް އައު ބޭފުޅުން ވަޑައިގެން، އެބޭފުޅުންނަށް ސާފު ނުވާ ކަންކަން ހުރިއްޔާ އެކަންކަން، ދިވެހިރާއްޖޭގެ ގާނޫނު ތަންދޭ ނަމަ ސުވާލު ކުރެވިދާނެ ކަމަށާއި އެކަމަކު އެފުރުސަތު ނުލިބޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އަދުލުގެ ދިގު މަރުހަލާ ފެށިގެން މިއަންނަނީ ތަހްގީގާ ހަމައިން . މީހެއްގެ މައްޗަށް ކުށެއް ތުހުމަތު ކުރާ ހިސާބުން މި އަންނަނީ ތަހުގީގާ ހަމައިން. ތަހުގީގާ ހަމައިން އައިއިރު ތަހުގީގާ ހަމައިން އަޅުގަނޑާ ނުކުރާ ސުވާލުތަކާ މިމައްސަލައިގެ މަސްދަރާ ގުޅުންހުރި ކަންތައްތައް ތަހުގީގުން އޮމިޓްކޮށްފަ ހުރިކަން އަޅުގަނޑު ފަނޑިޔާރުންގެ ސަމާލު ކަމަށް ދަންނަވާލަން" މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް، ސްޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ.