ބޮލީވުޑް ސްކްރީން: ޝާހްރުކްގެ ދަރިފުޅު ވެސް ކާން ޖެހުނީ ޖަލު ކާނާ، ކާޖޮލްގެ ދަރިފުޅު ޓިކްޓޮކް ހަދަނިކޮށް ލިބުނީ "ލަނޑެއް"
ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް ހިންގައިލާއިރު އަދިވެސް އެންމެ ކުރީގައި އުޅެނީ މަޝްހޫރު އެކްޓަރ ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން ޖަލުގައި ހުރި ވާހަކައެވެ.
އޭގެ އިތުރުން ނަން މަޝްހޫރު އެހެން "ސްޓާ ކިޑް"އެއް ކަމަށްވާ ނީސާ ދޭވްގަންގެ ޚަބަރެއް ވެސް ވަނީ ފެންމަތި ވެފައެވެ.
ކާޖޮލްގެ ދަރި ޓިކްޓޮކެއް ހަދަނިކޮށް ލިބުނީ "ލަނޑެއް"
ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ކާޖޮލްއާއި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ނީސާ ދޭވްގަން ނީސާ ދޭވްގަންގެ ޚަަބަރުތައް ވެސް ދުވަސްކޮޅު ކޮޅުން ފެންމަތިވެއެވެ.
ދާދި ފަހުން ފެންމަތިވެފައި ވަނީ ނީސާ އޭނާގެ އެކުވެރިއަކާ އެކީ ޓިކްޓޮކެއް ހަދަނިކޮށް ދިމާވި ކަމެއްގެ ވާހަކައެވެ.
ހުދު ހެދުމެއް ލައިގެން، މަޑު މޭކަޕެއްގައި ނީސާ ޓިކްޓޮކް ކުޅެމުން ދިޔައީ ބެޑްރޫމެއް ތެރޭގައެވެ. ނީސާގެ އެކުވެރިޔާ އެނދުގައި އިން އިރު ނީސާ ހުރީ އެތާ ކައިރީގައި ކޮޅަށެވެ. އަދި ޓިކްޓޮކް ކުޅެން މިޔުޒިކް ފެށުމާ އެކު ނީސާ ނަށަން ފަށައެވެ. ނެށުމުގެ ފޯރީގައި އަތުން ހެދި ގޮތަކުން ނީސާއަށް ޖެހެނީ އޭނަގެ އެކުވެރިޔާގެ މޫނު މަތީގައެވެ.
މި ވީޑިއޯ މިހާރު އަންނަނީ މީސް މީޑިއާގައި ވައިރަލް ވަމުންނެވެ.
ޝާހްރުކްގެ ދަރިއަށް ގެއިން ކާނާ ގެނައުން މަނާ
މަސްތުވާ ތަކެތީގެ މައްސަލައެއްގަައި މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރި، ސުޕާސްޓަރ ޝާހްރުކް ޚާންގެ ދަރި އާރްޔަން ޚާންއަށް ޖަލުގައި ކާން ދެނީ އޭނާގެ ގެއިން ގެންނަ ކާނާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެންސީބީން ދޮގު ކޮށްފިއެވެ.
އާރްޔަން ހައްޔަރު ކުރީއްސުރެ އޭނާއާ ބެހޭގޮތުން އެކި ޚަބަރުތައް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ފެތުރުނު އެއް ވާހަކައަކީ އާރްޔަންއާއި ޖަލުގައި ތިބި އެހެން މީހުންނާ ތަފާތު ކުރުން ގެންގުޅޭ ކަމަށާއި އޭނާއަށް ކާން ދެނީ އޭނާއަށް ގެއިން ކައްކައިފައި ކާން ގެންނަ ބިރިޔާނީ ފަދަ ތަކެތި ކަމަށެވެ.
މި ރިޕޯޓުތައް ދޮގުކޮށް އެންސީބީން ބުނީ އާރްޔަންއަށް ވެސް ކާން ދެނީ މުގުބަތާއި ޕޫރީޕާޖީ ކަމަށާއި އެއީ ޖަލަށް ކާނާ ތައްޔާރު ކުރަން ހަވާލުކޮށްފައި ހުންނަ ކެފޭއަކުން ހަދާ ކާނާ ކަމަށެވެ.
މީގެ އިތުރުން އާރްޔަންއަށް ވެސް ކާން ދެނީ، ޖަލުގެ އެހެން މީހުންނެކޭ އެއްފަދައިން ކަރުދާސް ތައްޓަށް އަޅައިފައި ކަމަށް ވެސް އެންސީބީން ބުނެފައިވެއެވެ. އަދި އާރްޔަންއަށް ގެއިން ކާނާ ގެނައުން މަނާ ކޮށްފައިވާނެ ކަމަށް ވެސް އެންސީބީން ބުނެފައިވެއެވެ.