އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲއާ ބައްދަލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ އެކު ވަޑައިގެންނެވި އދ.ގެ އޮފިޝަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތީ މިއަދުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަން ރާއްޖެއަށް ލިބުމަކީ ރައީސް ސޯލިހް ގެންގުޅުއްވާ ފުރިހަމަ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔަ ފަހުރެއް ކަމަށެވެ. އަދި އެމަނިކުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ރައީސް ސޯލިހަށް ކަމުގައި ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރި ގޮތް ހިއްސާ ކުރައްވާފައިވާތީ، އެ ވިސްނުމުގެ ތެރެއިން މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، އުއްތަމަ ފަނޑިޔާރާ ވެސް ޢަބްދުﷲ ޝާހިދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.