ބޮލީވުޑް

ބޮލީވުޑް ސްކްރީން: މުސްކުޅިއޭ ބުނެ ޝަމީތާއާ ދިމާކުރާތީ މަންމަ ރަތަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް ހިންގައިލާއިރު، މިއަދު އެންމެ ފާހަގަ ކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި، ބޮލީވުޑްގެ އެކްޓްރެސް ޝަމީތާ ޝެޓީ މުސްކުޅިއޭ ބުނެ އޭނާއާ ދިމާކުރާތީ އޭނާގެ މަންމަ ރުޅިއައުމާއި ބުރުގާ އެޅުމަށް ފަހު ކުރީގެ އެކްޓްރެސް ޒާއިރާ ވާސިމްގެ ފުރަތަމަ ފޮޓޯ އިންސްޓަގްރާމްގައި އާންމު ކުރުން ހިމެނެއެވެ.

Ads by Sosun Fihaara

މުސްކުޅިއޭ ބުނެ ޝަމީތާއާ ދިމާކުރުމުން މަންމަ ރަތަށް

އުމުރާ ގުޅޭގޮތުން އެކްޓްރެސް ޝަމީތާ ޝެޓީއާ ބިގް ބޮސް 15ގައި ދިމާކުރާތީ އޭނަގެ މަންމަ ސުނަންދާ ނުރުހުން ފާޅުކޮށްފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޝަމީތާއަކީ މުސްކުޅިއެއް ކަމަށް ބުނެ، ކޮރިއޮގްރަފަރ ކަރަން ކުންދްރާ ވަނީ އޭނާއާ ދިމާލަށް "އާންޓީ" އޭ ކިޔައިފައެވެ.

އެކަމާ ނުރުހި، އެތައް ބަޔަކު ކަރަންއާ ދެކޮޅަށް އަޑު އުފުލާފައިވާ އިރު ޝަމީތާގެ މަންމަ ސުނަންދާ ވަނީ މިކަމާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް، ބިގް ބޮސްގެ ހޯސްޓް ސަލްމާން ޚާންއަށް ގޮވައިލައިފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޒާއިރާގެ ފޮޓޯއެއް މީސްމީޑިއާގައި

ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޒާއިރާ ވާސިމް، ވަރަށް ގިނަ ދުވަސްތަކަކަށް ފަހު އޭނާގެ ފޮޓޯއެއް މީސްމީޑިއާ ގައި ހިއްސާ ކޮށްފިއެވެ.

އާމިރް ޚާންގެ ފިލްމު "ޑަންގަލް"އިން މަޝްހޫރުކަން ހޯދި ޒާއިރާ، އިސްލާމްދީނަށް ޓަކައި މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލި ކަަމަށް އިއުލާނު ކުރީ މިދިޔަ އަހަރުއެވެ.

އެއަށް ފަހު ޒާއިރާ ވަނީ އޭނާގެ ކުރީގެ ފޮޓޯތައް ވެސް މީސް މީޑިއާގައި އާންމު ނުކުރުމަށް އެދި، ބުރުގާ ނާޅާ ހުރި ފޮޓޯތައް އޭނަގެ އަމިއްލަ މީސް މީޑިއާ އެކައުންޓުތަކުން ވެސް ޑިލީޓު ކޮށްފައެވެ.

ނަމަވެސް އިއްޔެ ޒާއިރާ ވަނީ ގިނަ ދުވަސްތަކަކަށް ފަހު އޭނަގެ ފޮޓޯއެއް މީސް މީޑިއާގައި އާންމު ކޮށްފައެވެ. ބުރުގާ އަޅައިގެން ނަގައިފައި ހުރި އެ ފޮޓޯއިން އޭނާގެ މޫނު ދައްކާފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!