ލައިފްސްޓައިލް ސިއްޙަތު

ޅަދަރި މައިންނަށް ހަމަނިދި ނުލިބުމަކީ ޖޯކެއް ނޫން: ކަލްކީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ތަރި ކަލްކީ ކޯޗްލިން އޭނާގެ އެއް އަހަރުގެ ދަރިފުޅާއި، ދަރިފުޅުގެ ބައްޕައާއިއެކު

ޅަދަރި މައިންނަށް ހަމަނިދި ނުލިބުމަކީ ޖޯކެއް ނޫން ކަމަށާއި ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެއްކަމަށް އަލަށް މަންމައަކަށްވި ބޮލީވުޑްގެ ބަތަލާ ކަލްކީ ކޯޗްލިން ބުނެފިއެވެ.

Ads by STELCO

ކަލްކީ އޭނާގެ ފުރަތަމަ ދަރިފުޅު ވިހެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުއެވެ. ހަމަ ނިދި ލިބުމުގެ މުހިންމުކަމާ ގުޅޭގޮތުން ކަލްކީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޅަދަރި މައިން ނިންޖަށް ބަރުވެފައި ތިބެންޖެހުމަކީ އާންމުކޮށް ވެސް ދިމާވާ ކަމެއްކަމަށެވެ. އަދި އެއީ ޖޯކެއް ނޫން ކަމަށާއި ނިންޖަކީ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށް އޭނާ ބުންޏެވެ.

ހަމަނިދި ނުލިބުމުން މީހާއަށް ވަރުބަލިކަން އިހުސާސްވެ ހަށިގަނޑުގައި ދިރުން ނެތިގެން ދާކަމަށް ކަލްކީ ބުންޏެވެ. އޭނާ ބުނީ މަންމަ ނިންޖަށް ބަރުވެފައި ހުންނަ ނަމަ ކައިރީގައި އުޅޭ މީހުންނަށް ކުޑަ ދަރިފުޅު ބެލިދާނެ ކަމަށެވެ. ކަލްކީ ވަނީ ވީއެންމެ ބޮޑަކަށް ޅަދަރިމައިންނަށް އެހީތެރިވުމަށް އެހެން މީހުންގެ ކިބައިން އެދިފައެވެ.

ހަމަނިދި ލިބުމާ ގުޅޭގޮތުން ކަލްކީގެ މިވާހަކަތަކަށް ތާއީދުކޮށް ސީނިއާ ކޮންސަލްޓެންޓް އަދި ގައިނޮކޮލޮޖިސްޓް ޑރ. ރިތޫ ސޭތީ ވިދާޅުވީ އަންހެނެއްގެ ސިއްހަތާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ކަމަކީ ނިދި ކަމަށެވެ. ހާއްސަކޮށް ބަލިވެ އިންނަ އަންހެނުންނާއި، އަންހެނުން ވިހެއުމަށް ފަހު ލޭގެ ޕްރެޝަރާއި، ގުލްކޯޒް ލެވެލްގެ އިތުރުން ޑައިބެޓީކްސް ފަދަ މައްސަލަތައް ދިމާވާނެ ކަމަށް ޑރ. ރިތޫ ވިދާޅުވިއެވެ.

"މޫޑް ސްވިންގްސްއާއި ސްޓްރެސް އަދި ވަރުބަލިވުމާއި މީހާގެ ބަރުދަނަށް ވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ހަމަ ނިދި ނުލިބޭ ނަމަ" ޑރ. ރިތޫ ކިޔައިދެއްވިއެވެ،

އޭނާ ވިދާޅުވާ ގޮތުގައި އެންމެ މަދުވެގެން ދުވާލަކު 6 ގަޑިއިރުގެ ނިދި ކޮންމެ މީހަކަށް ވެސް ލިބެންވާނެއެވެ. އެހެން ނަމަވެސް ބަލިވެ އިނުމުން 10 ގަޑިއިރާއި 11 ގަޑިއިރަށް ނިދަންވާނެ ކަމަށާއި ވިހެއުމަށް ފަހު އެންމެ މަދުވެގެން 8 ގަޑިއިރު ނިދަންވާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

ހަމަ ނިދި ނުލިބޭ ނަމަ އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނަފްސާނީ ކަންކަން ދިމާވުން ވަރަށް ގާތްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހަށިގަނޑުގައި ވައި ހެދި ގޭސް ސްޓްރީކްގެ މައްސަލަތައް ވެސް އުފެދުމުގެ ފުރުސަތު އޮންނާނެކަމަށް ޑޮކްޓަރު ކިޔައިދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!