ޚަބަރު ފުޓްބޯޅަ

އަލްހަމްދުލިالله، ފުރިހަމަ މޮޅަކާ އެކު ރާއްޖެއަށް ތަނަވަސް ފުރުސަތެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވަގުތު ފޮޓޯ/އަބްދުﷲ އަބީދް

ސާފް ޗެންޕިއަންޝިޕްގައި މިރޭ ރާއްޖެއާއި ބަނގްލަދޭޝް ބައްދަލު ކުރި މެޗު 2-0ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.

Ads by MWSC

މިއަދުގެ މެޗުން މޮޅުވުމާ އެކު ރާއްޖެ ވަނީ ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް އަރައިފައެވެ. ތާވަލްގެ އެންމެ ކުރީގައި އަދިވެސް އޮތީ ހަ ޕޮއިންޓާއެކު ނޭޕާލެވެ. ދެވަނައިގައި އޮތީ މިރޭގެ މެޗުން ދަށްވި ބަނގްލަދޭޝެވެ. ރާއްޖެއަށް ލިބުނު ތިން ޕޮއިންޓާ އެކު، ފައިނަލަށް ދަތުރު ކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

މިރޭގެ މެޗް ކިކްއޮފްކޮށްފައި ވަނީ ރާއްޖޭގެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ. ފުރަތަމަ ހާފްގައި ރާއްޖޭގެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ބަނގްލަދޭޝްގެ ޓީމުން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުން ދިޔަތަނެވެ. އެ ޓީމުން ބަލަމުން ދިޔައީ ކައުންޓަރ އެޓޭކްގައި ރާއްޖރއަށް ނުރައްކާ ކުރުމަށެވެ. މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލްކޮށް، ރަނގަޅު އެޓޭކްތަކެއް ރާއްޖެއިން އުފެއްދިއެވެ. ފުރަތަމަ ހާފްގެ 69އިންސައްތަ ބޯޅަ ހިފަހައްޓައިފައި ވަނީ ރާއްޖެއިންނެވެ. ފުރަތަމަ ހާފްގައި ރާއްޖޭން ތިން ފައުލް ކުރިއިރު ބަނގްލަދޭޝް ވަނީ 16 ފައުލްކޮށްފައެވެ.

ރާއްޖެއިން މެޗުގެ ލީޑް ނަގައިފައި ވަނީ ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައެވެ. އެ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ބައިސްކަލް ކިކެއް ޖަހައި ހަމްޒާ މުޙައްމަދު (ހަންޕް)އެވެ. މިއީ މި އަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ޖެހި އެންމެ ރީތި ގޯލެވެ.

މެޗުގެ ލީޑް ފުޅާކޮށް، ދެވަނަ ގޯލް ޖަހައިފައި ވަނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާޤް (ދަގަނޑޭ)އެވެ. ރާއްޖެއަށް ޕެނަލްޓީއެއް ލިބިފައި ވަނީ، ދާދުއަށް ބަނގްލަދޭޝްގެ ޑިފެންސްއިން ކުރި ފައުލްއަކާ ގުޅިގެންނެވެ. އަޝްފާޤަށް ޖެހި ޕެނަލްޓީ ވަރަށް ރީއްޗަށް ގޯލުގެ ކަނަށް ވަނީ އަމާޒުކޮށްލައިފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ބަނގްލަދޭޝްއިން ކުޅެމުން ދިޔައީ ވަރަށް ޑިފެކްސިވްކޮށެވެ. މިގޮތުން މުޅި މެޗްގައި އެ ޓީމުން ވަނީ 30 ފައުލްކޮށްފައެވެ. އަދި އެ ޓީމަށް މެޗުގައި 5 ރީނދޫ ކާޑް ދައްކައިފައިވެއެވެ.

މިރޭގެ މޮޅާ އެކު ދިވެހި ޤައުމީ ޓީމް ސާފް ޗެންޕިއަންޝިޕްގެ ތައްޓަށް ކުރާ އުންމީދު ވަނީ އައު ވެފައެވެ.

ސާފް ޗެންޕިއަންޝިޕްގައި ދެން ރާއްޖެ ކުޅުމަށް ހަމަޖެހިފައި ވަނީ 10ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އެ ރޭ ނޭޕާލް ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

Ads by Allied Insurance
  1. ރައްޔިތުމީހާ

    ﷲއަށްް ޙަމްދާާ ޝުކުރުކުރަންް ހިތްވަރާއިި އެކުމަސައްކަތްް ކުރެވިއްޖެއްޔާﷲގެެ ހެޔޮރަޙްމަތާއިއެކުު ކާމިޔާބުލިބޭނެ