ބޮލީވުޑް

ތާޕްސީއާ އެކު ފިލްމު ކުޅެން މަޝްހޫރު ބައެއް އެކްޓަރުން ދެކޮޅު ހަދާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންހެނުން ބާރުވެރި ކުރުވައި، ނުވަތަ އަންހެނެއްގެ ރޯލަށް ބޮޑަށް އިސްކަންދީގެން ހަދައިފައި ހުންނަ ބޮލީވުޑް ފިލްމުތަކުގައި ހަރަކާތްތެރިވާނެ ނަން މަޝްހޫރު ފިރިހެން އެކްޓަރުން ނުލިބުމަކީ، އެ ދާއިރާގައި އަބަދުވެސް އެކްޓްރެސުންނާއި ޕްރޮޑިއުސަރުން ކުރަމުން އަންނަ ޝަކުވާއެކެވެ.

Ads by Hajj Corporation

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރި ތާޕްސީ ޕައްނޫއަށް މިކަމާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ތާޕްސީ ބުނީ އޭނާ ކުޅެފައިވާ ގިނަ ފިލްމުތަކުގައި އެ މައްސަލައާ ކުރިމަތިވި ކަމަށާއި އޭނާއާ އެކު ފިލްމުތަކުގައި ހަރަކާތްތެރި ވާން ނަން މަޝްހޫރު ބައެއް ފިރިހެން އެކްޓަރުން ދެކޮޅު ހެދި ކަމަށެެވެ.

"ލީޑް ރޯލުން އަންހެން އެކްޓަރަށް ބޮޑަށް ސްކްރީން ސްޕޭސް ދީފައި ހުންނަ ނަމަ، އެ ފިލްމެއްގައި އެފަދަ (ނަން މަޝްހޫރު ފިރިހެން އެކްޓަރުން) ހަރަކާތްތެރިވާން ބޭނުމެއް ނުވޭ. އެމީހުން ދެކޭ ގޮތުގައި އެ ފިލްމުތަކުން އެމީހުންނަށް އެއްވެސް ސަމާލުކަމެއް ނުލިބޭނެ" އިންޓަވިއުއެއްގައި ތާޕްސީ ބުނެފައިވެއެވެ.

ތާޕްސީ ބުނީ ފާއިތުވީ އެތައް އަހަރެއްގައި، ބޮލީވުޑްގެ ފިލްމުތަކުގައި ހަރަކާތްތެރިވާ އަންހެން އެކްޓަރުންނަށް ކުޑަ ސްކްރީން ސްޕޭސެއް ދެމުން އައި ނަމަވެސް، އެކަމާ އަންހެން އެކްޓަރުން މައްސަލަ ނުޖައްސައި، ޝުކުރު ކޮށްގެން ތިބި ކަމަށެވެ. ނަމަވެސް ފިރިހެން އެކްޓަރަކާ މެދު މަދު ފަހަރަކު މިހެން ވުމުން ވެސް، މަޝްހޫރުކަން ނުލިބިދާނެތީ ބިރުން އެ އެކްޓަރުން ފަސްޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!