ބޮލީވުޑް

ބޮލީވުޑް ސްކްރީން: ކޯޓުން ވެސް ނިންމީ އާރްޔަން ޖަލަށް ލާން، ދުވަސްތަކަކަށް ފަހު ޝެހްނާޒް ފެނިލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ނަޒަރެއް ހިންގައިލާއިރު، މިއަދު އެންމެ ފާހަގަ ކޮށްލެވެނީ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާންގެ ދަރި އާރްޔަން ޚާން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޚަބަރަށެވެ.

Ads by STELCO

އޭގެ އިތުރުން، ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޝެހްނާޒް ގިލް ގިނަ ދުވަސްތަކަކަށް ފަހު އާންމުންނަށް ފެނިލުން ވެސް ހިމެނެއެވެ.

އާރްޔަން ޖަލުގައި ބަންދު ކުރަން ކޯޓުން ވެސް ނިންމުން، ގޯރީގެ ހިތް ފަޅައިގެން ދިޔުން

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން މަސްތުވާތަކެތީގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން ހައްޔަރު ކޮށްފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ދަރިފުޅު ސަލާމަތް ކުރަން އޭނާގެ މަންމަ ގޯރީ ޚާން އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު، ކަފާލާތުގެ ދަށުން އާރްޔަން ޖަލުން ސަލާމަތް ކުރެވޭތޯ ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެންސީބީއާއި ކޯޓުން ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގައި އާރްޔަން ހައްޔަރު ކޮށްފައިވާ އިރު، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ވެސް ކުރާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތެއް މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފައި ވެއެވެ. ކޯޓުން މިފަހަރު ވެސް ނިންމީ އާރްޔަން ކަފާލާތުގެ ދަށުން ދޫނުކުރުމަށާއި އާތަރ ރޯޑް ޖަލަށް އޭނާ ބަދަލު ކުރުމަށެވެ.

ދުވަސްގަނޑަކަށް ފަހު ޝެހްނާޒް ފެނިލުން

މިދިޔަ މަހުގެ ދެވަނަ ދުވަހު، ހާޓް އެޓޭކެއް ޖެހިގެން އިންޑިއާގެ މޮޑެލް އަދި އެކްޓަރ ސިދާތު ޝުކްލާ މަރުވުމުން، ގިނަ ބަޔަކު އެންމެ ކަންބޮޑުވީ އޭނަގެ ލޯބިވެރިޔާ ޝެހްނާޒް ގިލްއަށް ވާނެ ގޮތަކާ މެދުއެވެ.

ސިދާތު މަރުވުމުން، އެކަމުގެ ހިތާމައިގައި ހާލު ދެރަވެގެން ޝެހްނާޒް ހޮސްޕިޓަލުގައި އެޑްމިޓު ވެސް ކުރިއެވެ. އެއިރު ޝެހްނާޒްއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ސިދާތުގެ މަންމަކަން ވެސް ރިޕޯޓުތަކުން ބުނެއެވެ.

އަމިއްލަ ދިރިއުޅުމައިގެން ބިޒީވެ، ހިތްވަރާ އެކު ކުރިއަށް ދާން ބުނެ ސިދާތުގެ މަންމަ ދިން ނަސޭހަތް އަޑު އަހައި، ޝެހްނާޒް އިއްޔެ ވަނީ އާންމުންގެ ތެރެއަަށް ނުކުމެ، ފެނިލައިފައެވެ.

ޝެހްނާޒްގެ އަލަށް ނުކުންނަ ފިލްމު "ޚޯސްލާ ރަކް"ގެ ޕްރޮމޯޝަންގައި، އެތައް ދުވަހެއް ފަހުން ޝެހްނާޒް ފެނުމުން އެކަމާ އެތައް ބަޔަކު އުފާކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!