މިނިސްޓަރ މަޙްލޫފަށް މުވައްޒަފުންގެ ފަރާތުން ހޫނު މަރުޙަބާއެއް!

ހަތަރު މަސް ދުވަހުގެ ސަސްޕެންޝަނަކަށް ފަހު މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙްލޫފް އެނބުރި ރަސްމީ މަސައްކަތަށް މިއަދު ވަޑައިގަތުމުން، އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފި ކަމަށް އޭސީސީން ކުރި ތުހުމަތުގައި ވަޒީފާއިން ސަސްޕެންޑު ކުރުމަށް ފަހު، މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން އުވައިލީ ރޭގައެވެ. އެމަނިކުފާނުގެ ސަސްޕެންޝަން އުވައިލީ ހަތަރު މަސްވީއިރު ވެސް މައްސަލައިގައި ދައުވާ ކޮށްފައި ނުވާތީއެވެ.

މިނިސްޓަރ މަޙްލޫފް އެނބުރި މަސައްކަތަށް މިއަދު ނުކުމެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ސީލިންގްގައި ޤައުމީ ދިދަ ހަރުކޮށްފައެވެ. އަދި މުވައްޒަފުން ތިބީ ވެސް ޤައުމީ ޖާޒީގައެވެ. މިނިސްޓަރ ލިފްޓުން ނުކުމެ ވަޑައިގަތުމުން، މުވައްޒަފުން ވަނީ ވަރަށް ހޫނު އަތްތިލަބަޑިއެއް ވެސް އެ މަނިކުފާނަށް ދެއްވައި މަރުޙަބާ ދަންނަވައިފައެވެ.
ޔޫތު މިނިސްޓަރު މަޙްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާ އެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަވަންދެން، ވަޒީފާގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން އެމަނިކުފާނަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.
އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މިނިސްޓަރ ވަނީ އެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޕީޖީން ވިދާޅުވި ގޮތުގައި މަޙްލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ރަނގަޅަށް ދިރާސާ ކުރުމަށް ފަހުއެވެ.