ބައްޕަގެ ގޮނޑި ހުހަށް، މުޅި ގަރާޖު ފަޅުވެފައި: ގޮނޑި ފެންނަ ކޮންމެ ފަހަރަކު ހަސަންފުޅުބެގެ ދަރިފުޅުގެ ހިތް ފަޅައިގެންދޭ!
އިއްޔެ މުޅި ރާއްޖެ ސިއްސުވައިލައި، ގިނަ ބައެއްގެ ހިތްތައް ހިތާމައިން ފުރައިލީ، މާލޭގައި ސައިކަލާއި ބައިސްކަލު ހެދުމުގެ ހިދުމަތްތެރިޔާ ހަސަން ޤާސިމް (ހަސަންފުޅުބެ) ނިޔާވި ޚަބަރުންނެވެ.
"ހަސަންފުޅު ގަރާޖު"ގެ ވެރިޔާ ހަސަންފުޅުބެ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރުން 76 އަހަރެވެ.
ގަރާޖުގެ ހިދުމަތް ދޭ ފަރާތެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ހަސަންފުޅުބެ، އެ މަސައްކަތް ފެށީ މީގެ 40 އަހަރު ކުރިންނެވެ. އޭނާ ފެށި އެ ހިދުމަތުން އެތައް ބަޔަކަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔައެވެ.
ހަސަންފުޅުބެ އެންމެ ފުރަތަމަ ދޭން ފެށީ ބައިސްކަލު މަރާމާތު ކުރުމުގެ ހިދުމަތެވެ. ނަމަވެސް ފަހުން ސައިކަލުތައް ގިނަވެ، ސައިކަލުތަކުގެ ޑިމާންޑު ބޮޑުވުމުން ހަސަންފުޅުބެގެ ގަރާޖުން ސައިކަލު މަރާމާތު ކުރުމުގެ ހިދުމަތް ވެސް ދެމުން ދިޔައެވެ. އަދި އޭނާގެ ގަރާޖުން ޚިދުމަތް ހޯދާ މީހުން އެ ނޫން އެހެން ތަނަކަށް ޚިދުމަތް ހޯދަން ނުދާކަން ވެސް ފާހަގަކޮށްލެވެއެވެ. އެންމެ ބޮޑު ސަބަބަކީ ހަސަންފުޅުބެގެ ސަކަ މިޒާޖާއި، އެންމެންނާ ވެސް އޮންނަ އެކުވެރިކަމެވެ.
ހަސަންފުޅުބެގެ ގަރާޖުން ޚިދުމަތް ހޯދާ މީހުންގެ ސައިކަލާއި ބައިސްކަލަށް ހިލޭ ވައި ޖަހައި ދިނުމާއި، ލޯގަނޑު ބަދަލުކޮށް ދިނުމާއި، މިނޫން ވެސް ބައެއް ކަންކަން އެއްވެސް އަގަކާ ނުލައި ކޮށްދިނެވެ.
ޙަސަންފުޅުބެ ނިޔާވުމާ ގުޅިގެން ޤައުމުގެ އެތައް ބަޔަކު ހިތާމަ ކުރަނީއެވެ. ނަމަވެސް މިކަމާ އެންމެ ފުން އަސަރެއް ކޮށްފައި ވަނީ ޙަސަންފުޅުބެގެ ދަރިންނާއި އާއިލާއަށެވެ. އެކަން ޙަސަންފުޅުބެގެ ދޮށީ ދަރިފުޅު އައިޝަތު ޙަސަން (އައިޝާ) ކޮށްފައިވާ ޕޯސްޓުތަކުން ވެސް ހާމަ ވެގެންދެއެވެ.
އެގޮތުން މިއަދު އައިޝާ ހިއްސާ ކޮށްފައި ވަނީ، ޙަސަންފުޅުބެ އާންމުކޮށް އިށީނދެގެން އިންނަ ގޮނޑީގެ ފޮޓޯއެކެވެ. އެ ގޮނޑި ފަޅުވެއްޖެކަމާއި، ގެއިން ނުކުންނަ އިރުއާއި ވަންނަ އިރު ވެސް އެ ގޮނޑި ހުހަށް ހުންނަ ތަން ފެނުމުން ހިތް ކުދިކުދި ވާ ކަމަށް އައިޝާ ބުންޏެވެ.
އައިޝާ ބުނި ގޮތުގައި އެއީ ޙަސަންފުޅުބެ އާންމުކޮށް އިށީންދެގެން އިންނަ ގޮނޑިއެވެ. އެ ގޮނޑީގައި އިނދެ މީހުންނާ އެކުވެރިކަމާއި ހިނިތުންވުމާ އެކު ޙަސަންފުޅުބެ މުޢާމަލާތް ކުރަމުން ދިޔައެވެ. އެހެންކަމުން އެއީ ހަނދާންތަކުން ފުރިގެންވާ ގޮނޑިއެކެވެ.
ޙަސަންފުޅުބެއާ ބެހޭ ގޮތުން "ދެން"އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި އައިޝާ ބުނީ، އޭނާގެ ބައްޕައަކީ ލާމަސީލު ބައްޕައެއް ކަމަށެވެ.
"ބައްޕައަކީ މީހުނަށް އަބަދުވެސް ވަރަށް ހިތްހެޔޮ މީހެއް. ބައްޕަ ދަންނަ މީހުންނަށް ވެސް އަދި ނުދަންނަ މީހުނަށްވެސް ވަރަށް ހެޔޮވާނެ. އަޅުގަނޑުމެންގެ ރައްޓެހި ކުއްޖަކު ގެއަށް އަޔަސް، އެ ކުއްޖަކާ ވެސް ވާހަކަ ދައްކާނީ ހަމަ ދަރިފުޅާއޭ ކިޔާފައި." ޙަސަންފުޅުބެއަށް ތައުރީފުގެ ބަސްތައް އަމުނައިލަމުން އައިޝާ ބުންޏެވެ.
ޙަސަންފުޅުބެއާ ބެހޭ އިތުރު ޚާއްސަ ކަމެއް ވެސް އައިޝާ ކިޔައިދިނެވެ. އެގޮތުން އައިޝާ ބުނީ، އޭނާގެ ބައްޕައަކީ ވަރަށް ދީލަތި މީހެއް ކަމަށާއި މީހުންނަށް ދީލަތިވެ އެހީތެރިވުމަށް އައިޝާއާއި އާއިލާގެ އެހެން މެންބަރުންނަށް ވެސް ޙަސަންފުޅުބެ އަބަދުވެސް ނަސޭޙަތްތެރިވި ކަމަށެވެ.
ޙަސަންފުޅުބެގެ ތިން ދަރިން ތިބެއެވެ. ގަރާޖުގެ މަސައްކަތް ކޮށްގެން ލިބުނު އާމްދަނީއިން ތިން ދަރިންގެ ކިޔެވުން ފުރިހަމަ ކޮށްދީފައިވީ ނަމަވެސް، ޅަ އުމުރުގައި ދިރިއުޅުނީ ވަރަށް ދަތި ހާލުގައިކަން އައިޝާ ފާހަގަ ކުރިއެވެ.
"ބައެއް ފަހަރު ހެނދުނު ސަޔަށް ހަދާ މަސްހުނީގެ ތެރެއަށް ކިރު އަޅައިފަ، މަސްފެން ހަދައިފަ ހުންނާނެ މެންދުރު ކެއުމަށް ވެސް. އެކަހަލަ ދިރިއުޅުމެއްގައި އުޅުނީ. ނަމަވެސް އައިޝާމެނަށް ސްކޫލަށް ހޯދަން ޖެހޭ އެއްޗެއް ނުލިބި ހުންނަން ނުޖެހޭ. ކިތަންމެ ދަތިކޮށް އުޅުނަސް ކުދިންނަށް އެކަން އިހުސާސްވިޔަ ނުދޭ" ބައްޕައާ މެދު ފަޚުރުވެރިވެ އައިޝާ ބުންޏެވެ.
މީގެ އިތުރުން އައިޝާ ވަނީ ޙަސަންފުޅުބެގެ ކުރި ބައެއް ޞަދަޤާތްތައް ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން އަނެއްކާވެސް ޅަ އުމުރުގެ ހަނދާނެއް އައު ކޮށްލިއެވެ.
"ގޭ ކައިރީގައި ހުންނަ އަފީފުއްދީން މިސްކިތަށް ރޯދަ ވީއްލަން ދާ މީހުންނަށް ކަދުރު ހަދިޔާ ކުރުމަކީ ބައްޕަ ކުރި ކަމެއް. އެންމެން ވެގެން ކަދުރު ފޮށިގަނޑުގެ ވަށައިގެން ތިބެ ކަދުރުގެ އޮށް ނަގާ ސާފުކުރަން ތިބޭ ތިބުން ވަރަށް ހަނދާންވޭ އަބަދުވެސް. އެއީ ބައްޕަގެ ދީލަތިކަން ފެންނަން ފެށި ހިސާބު. ލިބޭ މިންވަރަކުން ޞަދަގާތް ކުރުމަކީ ބައްޕަގެ އާދައެއް. އެ މިސްކިތަށް ދާ މީހުންގެ ރޯދަ ވީއްލުމުގެ ހުރިހާ ކަމެއް ބައްޕަ ކޮށްދިން. އޭގެ އިތުރުން ހިލޭ ސާބަހަށް އެ މިސްކިތް ސާފުކޮށް، ކުދިކުދި މަރާމާތުކޮށް، މިސްކިތް ބަލަހައްޓައިދިން." އައިޝާ ބުންޏެވެ.
ޙަސަންފުޅުބެއަކީ އައިޝާގެ ބަޠަލެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކާ ވެސް ޙަސަންފުޅުބެ ކުރިމަތިލީ ވަރަށް ހިތްވަރާ އެކުކަން އައިޝާ ފަޚުރުވެރިކަމާ އެކު ފާހަގަ ކުރިއެވެ. އެ ހިތްވަރު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޙަސަންފުޅުބެ ދެއްކުން ވެގެން ދިޔައީ އައިޝާ މެންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައި އައިޝާ ބުންޏެވެ.
ޥަ ހިތަމަހުރ
ޙަސަންފުޅުބެއަކީ ވަރަށް ހިތްހެޔޮ މީހެއް މަަަައްޔިތާއަށް ހެޔޮރަހުމަތް ލަައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.
ޙަސަންފުޅުބެ އަކީ ހަގީގަތުގަވެސް ވަރަށް ހިތް ހެޔޮ ނަމޫނާ
މީހެއް. ޙަސަން ފުޅުބެގެ އާއިލާ އަކީވެސް އެހާ އެކުވެރި ހިތް
ޙެޔޮ ބައެއް. ޙަސަންފުޅުބެގެ މަރުގެ ޙަބަރު ލިބުމުން ހިތަށް
ވަރަށް އަސަރު ކުރި .
ޙަސަންފުޅުބެ ގެ ފާފަ ފުުއްސަވައި ، ސުވަރުގޭގެ މަތިވެރި ދަރަޖަ
ދެއްވުމަށް އެދި ދުޢާ ކުރަން . އަދި ޢާއިލާ އަށް ކެތްތެރިކަން
ދެއްވުމަށް އެދި ދުޢާ ކުރަން .
ހަސަންފުޅުބޭގެފުރާނައަށް ރހުމަތް ލައވާށި
ހަސަންފުޅު ބޭގެ ފާފަ ފުއްސަވައި ރަޙުމަތްލައްވާށިއެވެ. އަދި ސާލިހު އެކުވެރިންނާއެކު ހަސަންބެޔަށް ސުވަރުގެ މިންވަރުކުރައްވާށިއެވެ. އާމީން. އާއިލާ ހެޔޮމަގުގައި ހިނގުމުގެ ނަސީބު މިންވަރުކުރައްވާށިއެވެ. އާމީން
ލެޖެންޑް.
މީހަކަށް ބަދުބަހެއް ބުނާކަށް ނެތިން، އެކަމަކު ތިބުނާ ހަސަންފުޅު ގަރާޖުން މުޅި އުމުރުގަވެސް ޚިދުމަތް ހޯދީ އެންމެ ފަހަރަކު، މީގެ 15ވަރަކަށް އަހަރު ކުރިން އޭރު ފެނުނީ ހަސަންފުޅުގެ ތިބުނާ ސަކަ މިޒާޖާއި، އެންމެންނާ ވެސް އޮންނަ އެކުވެރިކަމެއް ނޫން، އެދުވަހު އަޅުގަނޑާމެދު ކަންތައް ވީގޮތުން ދުވަހަކުވެސް ހަސްންފުޅު ގަރާޖުން ޚިދުމަތް ނުހޯދަން ނިންމިން، އަދިވެސް މިހުރީ އެގޮތުގަ. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރަށްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ކިތައްމެ ރަނގަޅު މީހަކަށް ވެސްއެންމެން ހިންހަމަޖެހޭ ގޮތަށް ކަމެއްނުވެ އޮވެދާނެ އެއީމިވަގުތު ދެއްކުން ރަނގަޅުވާހަކައެއްނޫން މަރުޙޫމަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން.